ކ. މާފުށީ ޖަލުގެ ސެކިއުރިޓީންނާއި ކުށްވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި ބައެއް މީހުން ޒަހަމްވި ހާދިސާ ހިއުމަން ރައިޓްސް ކޮމިޝަނުން ކުށްވެރިކޮށްފި އެވެ.


ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޒާހިދު މިއަދު ވިދާޅުވީ ހޮނިހިރު ދުވަހު ރޭ މާފުށީ ޖަލުގެ ގައިދީންނާއި ސެކިއުރިޓީންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގައި ބައެއް މީހުން ޒަހަމްވި ހާދިސާ އަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެ ހާދިސާ އެ ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް ޒާހިދު ވިދާޅުވި އެވެ.


ޒާހިދު އިތުރަށް ވިދާޅުވީ މާފުށީ ޖަލުގައި އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާ އެކު، އިއްޔެ އެ ކޮމިޝަނުގެ ޓީމެއް ޖަލަށްދިޔަ ކަމަށެވެ. އަދި އެ ހާދިސާ ތަހުގީގުކޮށް މިއަދުގެ ވަގުތެއްގައި މީޑިއާ އަށް ހިއްސާކުރާނެ ކަމަށްވެސް ޒާހިދު ވިދާޅުވި އެވެ.


ޖަލުން ވާހަކަ ދެއްކި މީހަކު އިއްޔެ ބުނީ އެ ހަމަނުޖެހުން ހިނގީ، ކުށްވެރިން ޔާޑަށް ނެރެ އެމީހުންގެ ތެރެއިން ބަޔަކު ގެންދިއުމަށް މަސައްކަތްކުރުމުން ދެފަރާތުގެ ދެމެދުގައި ދެބަސްވުން ހިނގައިގެން ކަމަށެވެ. އަދި މި ހާދިސާގައި މުގުރު ބޭނުންކޮށްގެންނާއި، އެކި ގޮތްގޮތުން ކުށްވެރިންނަށް އަނިޔާކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެ ހާދިސާގައި އަނިޔާވި ކަމަށް ބުނާ ބައެއްގެ ފޮޓޯތަކެއް ވެސް އިއްޔެ ސަންއެފްއެމަށް ވަނީ ލިބިފަ އެވެ.


ނަމަވެސް ޑީޕީއާރުއެސްގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ރަޝީދު އިއްޔެ ވިދާޅުވީ، އެ ހާދިސާ ހިގަން މެދުވެރިވީ ކުށްވެރިންނަށް ކާންދިނުމަށް އޮފިސަރަކު ވަނުމުން އޭނާ ރަހީނުކުރުމަށް ކުށްވެރިން މަސައްކަތް ކުރުމާ ގުޅިގެން ކަމަށެވެ.