20 Sep 2015, 14:22
މިއަދު ހެނދުނު ރަށަށް އެރި ކޮޅިގަނޑެއްގެ ގަދަ ވަޔާއެކު ގއ. ގެމަނަފުށީގައި ހުރި ގުދަނެއްގެ ފުރާޅު އެއްލާލައިފި އެވެ.
ގެމަނަފުށީ ކައުންސިލް އިދާރާގެ ޑިރެކްޓަރު މުހައްމަދު ޝިޔާމް "ސަން" އަށް ވިދާޅުވީ މިއަދު ހެނދުނު ގާތްގަނޑަކަށް 10:30 ހާއިރު އެރަށަށް އައި ގަދަ ކޮޅިގަނޑެއްގެ ވައިގައި އެކިވަރުގެ ގެއްލުންތައް އެރަށަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން އެރަށުގައި ހިންގާ ހޮޓަލެއްގެ ގުދަނުގެ ފުރާޅު އެއްކޮށްހެން ވަޔާއެކު އެއްލާލާފައިވާ އިރު، ބައެއް ދަނޑުބިންތަކަށް ގެއްލުންތައް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އެ ސަރަހައްދަށް ދިޔައިރު އެ ގުދަނުގެ ފުރާޅު އެއްކޮށް އެއްލާލާފައި އޮތީ. ދެން ބައެއް ގެތަކުގައި ހުރި ގަސްތައްވެސް ވަނީ ވެއްޓިފައި،" ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މޫސުން ގޯސްވި ނަމަވެސް އެއްވެސް މީހަކަށް އެއްވެސް ހާނީއްކައެއް ވެފައި ނުވާ ކަމަށެވެ.