20 Sep 2015, 16:52
ދިމާވާ ޕްރެޝަރުތަކުގެ ސަބަބުން ފުޓްބޯޅަ ކުޅުންތެރިއަކަށްވާން ބޭނުންނުވާ ކަމަށް އިންގްލޭންޑުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްގެ ފިރިހެން ދަރިއަކު ބުނުމުން، އޭނާގެ ހިތް ހަލާކުވެއްޖެ އެވެ.
އޭބީސީ ނިއުސް އަށް ދިން އިންޓަވިއުއެއްގައި ބެކަމް ބުނި ގޮތުގައި، އޭނާގެ ފިރިހެން ކުއްޖަކު އޭނާ ދިޔަ ފިޔަވަޅުތަކުގެ ފަހަތުން ހިނގަން ބޭނުންނުވާ ވާހަކަ ބުނެފައިވާ ކަމަށެވެ. ނަމަވެސް އެއީ ބެކަމް އަށް ލިބިފައިވާ ތިން ފިރިހެން ކުދިންގެ ތެރެއިން ކޮން ކުއްޖެއް ކަމަށް އޭނާ ބުނެފައެއް ނުވެ އެވެ.
ވިކްޓޯރިއާ އާއި ބެކަމްއަށް ތިން ފިރިހެން ކުދިންނާއި އެއް އަންހެން ކުއްޖަކު ލިބިފައިވެ އެވެ. އެއީ 16 އަހަރުގެ ބްރޫކްލީން އާއި 13 އަހަރުގެ ރޯމިއޯ އާއި 10 އަހަރުގެ ކްރޫޒް އަދި ހަތަރު އަހަރުގެ އަންހެން ދަރި، ހާޕާ އެވެ.
އޭގެ ތެރެއިން، މިއަހަރުގެ ކުރީކޮޅު އާސެނަލްގެ 18 އަހަރުން ދަށުގެ ޓީމަށް ފޮޓޯ ނެގުމުގެ ދާއިރާ އިން ކުރިއަށްދާން ބޭނުންވާ ބްރޫކްލީން ހޮވިފައިވާ އިރު، އޭލެވެލް އިމްތިހާނަށް އިސްކަން ދިނުމަށް އޭނާ ވަނީ އެކަޑަމީން ވަކިވެފަ އެވެ.
ބްރޫކްލިންގެ ފަހަރުން ރޯމިއާ ވެސް ދަނީ އާސެނަލްގެ އެކަޑަމީގައި ތަމްރީން ހޯދަމުންނެވެ. އަދި ބެކަމްގެ އަންހެން ދަރިފުޅު ހާޕާ ވެސް ވަނީ ފުޓްބޯޅައަށް ޝައުގުވެރިކަން ހުންނަކަމަށް ބުނެފަ އެވެ.
މެންޗެސްޓާ ޔުނައިޓަޑް އަދި ރެއާލް މެޑްރިޑަށް ކުޅެދީފައިވާ ބެކަމް ބުނި ގޮތުގައި އޭނާގެ ކުދިން ބޮޑުވެގެން ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުމަކީ އޭނާ އެދޭ ކަމެއް ނަމަވެސް އެއީ އެކުދިން އުފަލުން ހިތްހަމަޖެހިގެން ކުރާ ކަމަށް ވާނަމަ އެވެ.
"އަހަރެންގެ އެއް ފިރިހެން ކުއްޖަކު ކުރީ ދުވަހު އަހަރެން ކައިރީގައި ބުނަނީ، ބައްޕާއޭ، އިނގޭ ހެއްޔޭ، އަބަދު ފުޓްބޯޅަ ކުޅެން ބޭނުންވުމާ މެދު އޭނާ ޝައްކޭ... އެހެން ބުނުމުން ކުޑަކޮށް ހިތް ހަލާކުވި،" ބެކަމް ބުނެފައިވެ އެވެ.
އޭގެ އިތުރުން، ކުޅެން ނުކުންނަ ކޮންމެ ފަހަރަކު މީހުން އެއީ ޑޭވިޑް ބެކަމްގެ ދަރިއެއް ކަމަށް ބުނުމުން ޕްރެޝަރު އަންނަ ކަމަށް ވެސް އޭނާގެ ކުއްޖަކު ބެކަމް ކައިރީގައި ބުނެފައިވެ އެވެ.
"އަހަރެން ބުނިން. އެ ހިސާބުން ހުއްޓާލަން. ކުޅެންވާނީ ކުޅެން ބޭނުންވެގެން ކަމަށް،" ބެކަމް ބުނެފައިވެ އެވެ.
ބެކަމްގެ ފިރިހެން ދަރިއެއް ފުޓްބޯޅަ ކުޅުންތެރިއަކަށްވާން ބޭނުންނުވާ ވާހަކަ ބުނެފައިވާއިރު، އޭނާގެ އަންހެން ދަރިފުޅު ހާޕާރ ވަނީ ފެޝަންއަށް ޝައުގުވެރިކަން ނެތް ވާހަކަ ވެސް ބުނެފަ އެވެ.
އޭގެ ބަދަލުގައި އުމުރުން ހަތަރު އަހަރުގެ ހާޕާ ބޭނުން ވަނީ ބެކަމްގެ ފަހަތުން ފުޓްބޯޅަ ކުޅެން ކަމަށް ވިކްޓޯރިއާ ކައިރީގައި ވަނީ ބުނެފަ އެވެ.
މައުލޫމާތު: ޔޫރޯސްޕޯޓްސް، އޭބީސީ ނިއުސް