ކޮޅިގަނޑެއްގައި ވައި ޖެހުނު ބާރު މިނުގެ ސަބަބުން މިއަދު ހއ. ހޯރަފުށީގެ ތިން ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ރަޝީދު ވިދާޅުވީ ކޮޅިގަނޑުގެ ވައިގައި ތިން ގެއަކަށް ގެއްލުން ވެފައިވަނީ މިއަދު ހެނދުނު 8:40 އެހާކަށްހާއިރު ކަމަށެވެ.

ކޮޅިގަނޑުގައި ތިން ގެއަކަށް ބޮޑެތި ގެއްލުންތަަކެއް ލިބިފައިވާއިރު އެއްގެ ވަނީ އެއްކޮށް ފުނޑުފުނޑުވެފައި ކަަމށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

މިއަދުގެ ކޮޅިގަނޑުގައި ހޯރަފުށީގެ ބައެއް ގެތަކަށް ބޮޑެތި ގެއްލުން ލިބިފައި ވޭ--- ފޮޓޯ: އިބްރާހިމް ރަޝީދު

"ކޮޅިގަނޑުގައި ވަރަށް ގަދަޔަށް ވައި ޖެހުން. ތިން ގެއަކަށް ބޮޑެތި ގެއްލުން ލިބިފައިވާއިރު އެއް ގެ ވަނީ ހަމަ އެއްކޮށް ފުނޑުފުނޑުވެފައި. އެގޭގައި ބޭނުން ކުރެވޭނެ އެއްޗެއް ނެތް. ޓިނުގަނޑުތައްވެސް ހުރީ ވަޔާ ގޮސް. ގޭތެރޭގެ ހުރިހާ އެއްޗެއް ހަލާކުވެފައި،" ރަޝީދު ވިދާޅުވިއެވެ.

ދެން ހުރި ދެ ގެއަށްވެސް ގެއްލުންތަކެއް ވެފައިވާއިރު އެއް ގެއެއްގެ ޓިނުގަނޑު ވަނީ ވަޔާ ގޮސް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު އެ ޓިނުގަނޑު މިހާރު ވަނީ ހަރުކޮށްފައި ކަމަށެވެ.

މިއަދުގެ ކޮޅިގަނޑުގައި ހޯރަފުށީގެ ބައެއް ގެތަކަށް ބޮޑެތި ގެއްލުން ލިބިފައި ވޭ--- ފޮޓޯ: އިބްރާހިމް ރަޝީދު

އޭނާ ވިދާޅުވީ ގެއްލުންވި ގެތަކުގެ މީހުން މިހާރު ހޯރަފުށީ ރަށްވެހިގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ވިލާގަނޑުގެ ވައިގައި ރަށުގެ ބައެއް ސަރަހައްދުގެ ގަސްތަކާއި ރުއްތައް ވަނީ ލުއްސައިގެން ގޮސްފައި ކަމަށް އަތޮޅު ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

"ކޮޅިގަނޑުގައި 75 ވަރަކަށް މޭލަށް ވައި ޖެހޭ. މިއަދުވެސް ވައި ގަދަވި އިރު ދިރާގު އެންޓަނާ ހުރީ ހަ އިންޗިއަށް ހޫރިލަ ހޫރިލާ،" އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.