މޫސުން ގޯސްވެ ކަނޑު ދަތުރުފަތުރަށް ހުރަސްއެޅުމުގެ ސަބަބުން ހދ. މަކުނުދޫ އިން ކާޑުގެ ބާވަތްތައް ހުސްވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

މަކުނުދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ވަހީދު "ސަން" އަށް ވިދާޅުވީ، އެރަށުގެ ކާޑުގެ ބާވަތްތައް ހުސްވެ، ހަނޑޫ، ހަކުރު އަދި ފުށް ނުލިބޭތާ ހަފްތާއެއް ވެފައިވާ ކަމަށެވެ.

"މިވަގުތު މިރަށަށް އަންނަން އޮތް ބޯޓު އޮތީ މާލޭގައި މިކޮޅަށް ނުފުރިފައި މޫސުން ތަން ނުދޭތީ. ދެތިން ދުވަހެއް ވެއްޖެ ފުރަން ކިޔާތާ. ނަމަވެސް މޫސުމަށް ބަލާފަ ނުފުރާ މަޑުކުރަނީ،" ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކާޑުގެ ބާވަތްތައް ރަށުގެ އެއްވެސް ފިހާރައަކުން މިހާރު ގަންނަން ނުލިބޭ ކަމަށެވެ. އެކަމުގެ ސަބަބުން ރަށުގެ ގިނަ ބަޔަކަށްދަތިތަކާ ކުރިމަތިވާކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން ގެންނާނެ ކުޅުދުއްފުށިން ވެސް. އެކަމަކު މިހާރު އެ ފެރީވެސް އޮތީ ކެންސަލްކޮށްލާފައި ކަނޑު ގަދަކަމުން އެއްގޮތަކަށް ވެސް ދަތުރުކުރެވޭ ވަރު ނުވީމަ،" ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލޭގައި އޮތް ބޯޓު މުދަލާއެކު މާދަމާ ފުރަން ވިސްނަމުން އަންނަ ކަމަށާއި ނަމަވެސް މޫސުން ތަން ނުދޭނަމަ ބޯޓު ނުފުރާނެކަމަށެވެ.