އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސް އަދި ބޮޑުވަޒީރު، ދުބާއީގެ ޢަމީރު، ޝެއިޚް މުޙަންމަދު ބިން ރާޝިދު އަލްމަކްތޫމްގެ ދަރިކަލުން، ޝެއިޚް ރާޝިދު ބިން މުޙަންމަދު ބިން ރާޝިދު އަލްމަކްތޫމް ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި މެސެޖުގައި، އެޚަބަރު އެއްސެވީ ފުން ހިތާމައާ އެކު ކަމުގައި ވިދާޅުވެފައިވެ އެވެ. އަދި، އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސާއި ޝާހީ ޢާއިލާއާއި އެކުވެރި ޢަރަބި އިމާރާތުގެ އެންމެހައި އަޚުންނާއި އުޚުތުންނާ އެކު، ގައުމީ މި ފުން ހިތާމައިގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ކަމުގައި ވެސް ވިދާޅުވެފައިވެ އެވެ.