22 Mar 2011, 09:20
އޭއެފްސީ ޗެލެންޖްކަޕް ކޮލިފައިންގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ކެމްބޯޑިއާއާއި ވާދަކޮށް ހަތަރު ލަނޑުން މޮޅުވެގެން ރާއްޖެ ހަމަޖެހިލައިފި އެވެ.
މީގެ 10 އަހަރު ކުރިން ގަލޮޅުދަނޑުގައި ހަ ލަނޑުން ކެމްބޯޑިއާ ބަލިކޮށްފައިވާ ރާއްޖޭގެ ޓީމަށް ރޭ އެންމެ ބޮޑު ފައިދާއެއްވީ މެޗުގެ ފުރަތަމަ މިނެޓްގައި ޖެހި ލަނޑުންނެވެ. މެޗު ފަށައިގެން އަވަސްޕާސްތަކާ އެކު ރާއްޖެއިން ކުޅެން ފެށި ގޮތަށް ނިންމާލީ މުހުތާރު ނަސީރު(ޓޫކިލޯ) އަރިމަތިން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. މިއީ ގައުމީ ޓީމުން މިހާތަނަށް ޖެހި އެންމެ އަވަސް ލަނޑެވެ.
މިލަނޑާއެކު ލިބުނު ހިތްހަމަ ޖެހުމުގައި އިތުރު ގޯލުތަކެއް ފެނިގެން ހިނގައިދާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ކަންތައްވީ އެހެނެއްނޫނެވެ. ކެމްބޯޑިއާގެ ޒުވާން ކުޅުންތެރިން ގޭމްގެ ތެރެއަށް ވަދެ ޕާސް ކޮށްގެން ކުޅެމުން ދިޔައިރު ރާއްޖޭގެ ޓީމު ދިޔައީ މަޑުމަޑުން ސްލޯވަމުންނެވެ. ނަމަވެސް މާނުރައްކާތެރި ހަމަލާތަކެއް އެމީހުންނަށް ފުރަތަމަ ހާފަކު ނުއުފެއްދުނެވެ.
ރާއްޖޭގެ ދެވަނަ ލަނޑު އަޝްފާގު ޖެހީ 41 ވަނަ މިނެޓްގަ އެވެ. ޓޫކިލޯ އާއި ދެ ކުޅުންތެރިން ވަރަށް ބޮޑަށް ގުޅިގެން މުޅިން ހުސްކޮށްލާފައި ދަގަނޑޭއަށް ދިން ބޯޅަ އޭނާ ގޯލަށް ވައްދާލީ ގޯލުވެސް މުޅިން ހުސްކޮށް އޮތްވައެވެ.
ދެލަނޑުގެ ލީޑަކާއެކު ފުރަތަމަ ހާފު ނިންމާލެވުމަކީ ދަނޑަށް ވަދެތިބި އެތައް ހާސް ސަޕޯޓަރުންނަށްވެސް ލިބުނު ބޮޑު އުފަލެކެވެ. ރޭގެ މެޗަކީ ސާފް ޗެމްޕިއަންޝިޕްގެ ސަޕޯޓްގެ ހަނދާން އާވާކަހަލަ ގޮތަކަށް ސަޕޯޓަރުންގެ ހަރަކާތްތައް ފެނުނު މެޗެކެވެ.
ދެވަނަ ހާފު ފެށިގެންވެސް ކެމްބޯޑިއާއިން ދިވެހިންގެ ގިނަ ބަޔަކު ހީކުރިވަރަށްވުރެ ރަނގަޅު ކުޅުމެއް ދައްކަމުން ގެންދިޔައެވެ. ނަމަވެސް އަޝްފާގުގެ ނުރައްކާތެރިކަން މައިތިރި ކުރެވޭ ވަރުގެ ކުޅުންތެރިއަކު އެޓީމަކުން ނުފެނުނެވެ. ނަތީޖާއަކަށްވީ 83 ވަނަ މިނެޓްގައި ދަގަނޑޭ ވަރަށް ހުސްކޮށް ހުރެ 3 ވަނަ ލަނޑު ޓީމަށް ކާމިޔާބުކޮށްދިނުމެވެ.
ފަހު 15 ވަރަކަށް މިނެޓް މުޅިން ރާއްޖޭގެ ޓީމު ކުޅެމުން ދިޔަ މެޗުގެ ފަހު ގޯލު ދަގަނޑޭގެ ފަރާތުން ފެނުނީ 87 ވަނަ މިނެޓްގައެވެ. މިއީ އޭނާގެ ހެޓްރިކެވެ. މިހެޓްރިކާއެކު އޭނާ ހިމެނިފައިވަނީ ޤައުމީ ޓީމަށް އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިޔާގެ ގޮތުގައެވެ. އޭނާ ވަނީ މޮންގޯލިއާ އާއި ދެކޮޅަށްވެސް ހެޓްރިކް ހަދާފައެވެ.
ރޭގެ މެޗަށް ޓީމު ނުކުތްއިރު ގިނަ ބަޔަކު ހައިރާންވި ދެ ބަދަލެއް ފެނުނެވެ. މުޅިން އަލަށް ގައުމީ ޓީމުގައި ހިމެނުނު ހުސެން ނިޔާޒު(ބޮކުރީ) ވަނީ ފުރަތަމަ 11 ގައި ކުޅެން ނެރެފައެވެ. އަދި އުމުރުން ދުވަސްވީ ޑިފެންޑަރ އައްސަދު އަބްދުލް ޤަނީވެސް ފުރަތަމަ 11 ގައި ކޯޗު ކުރުސިއާނީ ހިމެނިއެވެ.
މިމޮޅާއެކު ރާއްޖޭގެ ޓީމަށް ވަނީ ގްރޫޕްގެ އެއްވަނަ ވަނަ ލިބިފަ އެވެ. އެއީ ތަޖިކިސްތާނާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެ ލަނޑުގެ ތަފާތުންނެވެ.
ރާއްޖޭގެ ދެވަނަ މެޗުގައި މާދަމާ ހަވީރު ނުކުންނާނީ ކިރުގިސްތާނާއި ދެކޮޅަށެވެ. މިމެޗުން މޮޅުވެއްޖެނަމަ ރާއްޖެ ކޮލިފައިވާނެކަން ގާތްގަޑަކަށް ޔަގީންވާނެ އެވެ.