20 Sep 2015, 11:46
ތަޖުރިބާކާރުން ބުނާގޮތުގައި ދުވަސްނުފުރާ ވިހާ ތުއްތުކުދިންގެ ކޮލުގެ އެތެރޭގައި ޖެލް އެއްގެ ގޮތުގައި ތައްޔާރު ކޮށްފައިވާ ހަކުރު އުނގުޅުން އެއީ އެކުދިންގެ ސިކުނޑިއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކޮށްދެވިދާނެ ކާމިޔާބު އަދި އަގުހެޔޮ ފަރުވާ އެކެވެ.
ލޭގައިވާ ހަކުރުގެ މާއްދާ ނުރައްކާވާވަރަށް ދަށަށް ދިއުމަކީ ދުވަސްނުފުރާ ވިހާ ކޮންމެ ދިހަ ކުއްޖަކުން އެއް ކުއްޖަކަށް ދިމާވާ މައްސަލަ އެކެވެ. މި ކަމަށް އަވަސް ފަރުވާ އެއް ނުދެވިއްޖެ ނަމަ ދާއިމީ ގެއްލުމެއް ލިބުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ނިއުޒިލެންޑުގެ ރިސާޗަރުންތަކެއް 2013 ވަނަ އަހަރު، ދުވަސްނުފުރާ ވިހެއި 242 ތުއްތުކުދިންނަށް މި ޖެލް ތެރަޕީ ދީގެން ކުރި ތަހުލީލަކުން ދައްކާ ގޮތުގައި މިއީ އެންމެ ފުރަތަމައިނުންވެސް ދެވޭ ފަރުވާއަކަށް ހެދުން މުހިންމެވެ.
މި ދިރާސާ ވަނީ މެޑިކަލް ޖާނަލް އެއް ކަމަށްވާ "ދި ލާންސެޓް" ގައި ޕަބްލިޝް ކޮށްފަ އެވެ.
މި ދިރާސާ ކުރިއަށް ގެންދިޔަ ޔުނިވާސިޓީ އޮފް އޯކްލޭންޑް ގެ ޕްރޮފެސަރެއް ކަމުގައިވާ ޖޭން ހާޑިންގް އާއި އޭނާގެ ޓީމުން ބުނެފައިވާ ގޮތުގައި މި "ޑެކްސްޓްރޯޒް ޖެލް ޓްރީޓްމަންޓް" އަކީ ދޭން ފަސޭހަ ފަރުވާ އަކަށް ވުމުގެ އިތުރުން އަގު ވެސް ހެޔޮ ފަރުވާއެކެވެ. މި ފަރުވާ ދެވޭ ކޮންމެ ތުއްތުކުއްޖަކަށް ޚަރަދު ވާނީ ގާތްގަނޑަކަށް އެއް އެމެރިކާ ޑޮލަރެވެ.
މިކަމަށް މިހާރު ދެވޭ ފަރުވާ އަކީ ގާތުން ކިރު ދޭވަރު އިތުރު ކޮށްފައި ލޭގައި ހަކުރު ހުރި މިންވަރު ބެލުމަށް އިރު އިރުކޮޅާ ލޭގެ ޓެސްޓުތައް ހެދުމެވެ.
އެވަރުންވެސް ރަނގަޅު ނުވާ ތުއްތުކުދިން – ހައިޕޯގްލައިކޭމިއާ ޖެހިފައިތިބޭ ތުއްތުކުދިން - ޖެހެނީ އައިސީޔޫ ގައި ބާއްވައި އައިވީ އަކުން ގުލްކޯޒު ހަށިގަނޑަށް ފޮނުވާށެވެ.
މި ދިރާސާގެ ތެރޭގައި ވަނީ ހައިޕޯގްލައިކޭމިއާ ރަނގަޅު ކުރުމަށް ޑެކްސްޓްރޯޒް ޖެލް ޓްރީޓްމަންޓް އާއި ހަމައެކަނި ގާތުން ކިރު ދޭ ވަރު އިތުރު ކުރުމާއި އަޅާކިޔައި އެންމެ ކާމިޔާބީ ކޮން ފަރުވާއެއްތޯ ބަލާފަ އެވެ.
ޔުނިވާސިޓީ ކޮލެޖް ލަންޑަންގެ އިންސްޓިޓިއުޓް ފޯ ވިމެންސް ހެލްތު ގައި މަސަތްކަތް ކުރާ ނީލް މާލޯ ބުނިގޮތުގައި ފަހަކަށް އައިސް ޑެކްސްޓްރޯޒް ޖެލް ޓްރީޓްމަންޓް ބޭނުންކުރުން މަދުވެފައި ވީ ނަމަވެސް ޕްރޮފެސާ ޖޭން ހާޑިންގް އާއި އޭނާގެ ޓީމުން ކުރި ދިރާސާގެ ނަތީޖާގެ އަލީގައި ޑެކްސްޓްރޯޒް ޖެލް ޓްރީޓްމަންޓް އަލުން އަނބުރާ ދޭން ފެއްޓުން އެއީ ރަނގަޅު ކަމެކެވެ.