20 Sep 2015, 12:27
މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކުރާ ހައްޖާޖީންގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓައި އެފަރާތްތަކަށް ހިދުމަތްކުރުމަށް ސައުދީ ސަލާމަތީ ބާރުތަކުން 100،000 މީހުންގެ ފައުޖެއް ރުކުރުވާލައިފައިވާ ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނެފި އެވެ.
މޭޖާ ޖެނެރަލް މަންސޫރު އަލް ތުރުކީ ވިދާޅުވީ، ހައްޖުވެރީންގެ ހިދުމަތުގައާއި އެފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހަރަކާތްތެރިވާ ފައުޖުގައި އެލީޓް ކައުންޓާ ޓެރަރިޒަމްގެ ޔުނިޓަކާއި ޓްރެފިކް ޕޮލިހާއި އިމަޖެންސީ ސިވިލް ޑިފެންސް ޔުނިޓްތައް ހިމެނޭ ކަމަށެވެ. އަދި މި ފައުޖަށް އެހީތެރިވުމަށް ޓަކައި ނޭޝަނަލް ގާޑުންނާއި އަސްކަރިއްޔާގެ ފައުޖުތައް ވެސް ހަރަކާތްތެރިވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަހަރުގެ ހައްޖު ދުވަސްވަރު ސައުދީއާ ކުރިމަތިލާފައި މިވަނީ، އިސްލާމިކް ސްޓޭޓް އޮފް އިރާގު އެންޑް ސީރިއާ (އައިއެސްއައިއެސް)އާ ސައުދީއާ ދެމެދު ހަނގުރާމައިގެ ކުރިމަތިލުންތަކެއް ހިނގަމުންދާ ދުވަސްވަރެއްގަ އެވެ.
އެހެން ނަމަވެސް ހޮނިހިރު ދުވަހު އެސޯސިއޭޓެޑް ޕްރެސް (އޭޕީ)އަށް ދެއްވި އިންޓަވިއުއެއްގައި ޖެނެރަލް އައްތުރުކީ ވިދާޅުވެފައި ވަނީ، "ހަނގުރާމަވެރީންނަށް ސައުދީ އަރަބިއްޔާގެ ބިމުން އެންމެ ސެންޓިމީޓަރެއް ވެސް ކޮންޓްރޯލް ކުރިޔަ ނުދޭނަން" ކަމަށެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މައްކާއަށް ތިން މިލިއަން މީހުން ޒިޔާރާތްކުރާނޭ ކަމަށް ލަފާކުރެވެ އެވެ.