20 Sep 2015, 12:11
ކުޑަ ކުދިންނާއި އަންހެނުން ވެސް ހިމެނޭ ގޮތަށް ތ. އަތޮޅު ގުރައިދު އަށް ދަތުރު ކުރަނިކޮށް ރޭ މ. އަތޮޅު ފަރަކަށް އެރި ގުރައިދޫ "ސަވާރީ" ބޯޓުން 168 މީހަކު ކޯސްޓްގާޑުގެ "ޝަހީދު އަލީ" އަށް ނަގައި އެއްބަޔަކު މ. ދިއްގަރަށް ބާލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާނު މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ އެ ބޯޓުން ދަތުރު ކުރި ޖުމުލަ މީހުންގެ އަދަދަކީ 181 ނޫން ކަމަށާއި އެ އަދަދަކީ 179 ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން 11 މީހަކު ފިޔަވައި ބާކީ ތިބި މީހުން ކޯސްޓްގާޑު "ޝަހީދު އަލީ" އަރުވާފައިވާ ކަމަށެވެ.
"އެމީހުންގެ ތެރެއިން 79 މީހަކު ވަނީ ރޭ ދިއްގަރަށް ބާލާފައި. ބާކީ ތިބި މީހުން ރޭ މަޑުކުރީ "ޝަހީދު އަލީ" ގައި،" އަދުނާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އެއްބަޔަކު ރޭ ދިއްގަރަށް ނުބޭލުނީ ރޭގަނޑު ވުމުންނާ އެކު ޝަޙީދު އަލީ އެ ރަށު ބަނދަރަށް ނުވެއްދުމުން ކަމަށެވެ. ނަމަވެސް ރޭ ނުބޭލުނު މީހުން ވެސް މިއަދު އެ ރަށަށް ބޭލުމުގެ މަގުމަތީގައިވާ ކަމަށެވެ.
އަދުނާން ވިދާޅުވީ "ސަވާރީ" ބޯޓުގައި މިހާރު ތިބޭނީ އެ ބޯޓުގެ ފަޅުވެރިންނާއި އަދި އިތުރު އެކަކާ އެކު ޖުމްލަ 11 މީހުން ކަމަށެވެ.
އޭނާ ވިދާޅުވީ ކޯސްޓްގާޑަށް ރޭ އެ ސަރަހައްދަށް ދެވުނީ ފަތިހު 3:45 އެހާކަންހާއިރު ކަމަށާއި ސަވާރީ ބޯޓާ ކޯސްޓް ގާޑަށް ކައިރި ނުކުރެވުމުން މީހުން ބަދަލު ކުރީ ޑިންގީއެއްގައި ކަމަށެވެ. އަދި މީހުން ބަދަލުކޮށް ނިމުނީ ފަތިސްވީ އިރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަނޑު ގަދަ ވުމުގެ ސަބަބުން ބޯޓު ފުން ކުރުމުގެ މަސައްކަތް އަދި ނުފެށޭ ކަމަށެވެ.
ސަވާރީ ފަރަށް އެރިކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ ރޭ 11:15 އެހާކަންހާއިރެވެ. ބޯޓު ފަރަށް އަރާފައި ވަނީ ދިއްގަރު ކައިރީ އޮންނަ މުޅަށް ކަނޑުން ހުރަސްކުރަނިކޮށެވެ.