22 Mar 2011, 09:14
ސަންޢާ : ރައްޔިތުންގެ އުތުރިއެރުމަކާ ކުރިމަތިވެވަޑައިގެންފައިވާ ޔަމަންގެ ރައީސް ޢަލީ ޢަބްދުﷲ ސާލިޙްގެ ވެރިކަމުގެ ނިޒާމް ރޫޅި ސިފައިންގެ ލަޝްކަރުތައް ބައިބައިވާންފަށައިފިއެވެ.
ޔަމަނުންލިބޭ ޚަބަރުތައް ބުނާގޮތުން ޔަމަންގެ ސިފައިންގެ އިސް އޮފްސަރުންގެ 60 އަށްވުރެ ފަރާތްތަކާއި ސިފައިންގެ އެތަށް ޔުނިޓެއް މިހާރުވަނީ ރައީސް ސާލިހާ އދިކޮޅުކަން ހާމަކޮށް އޭނާގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ރައްޔިތުންނަށް ތާއިދުކުރާކަން ހާމަކޮށްފައެވެ. އަދި ރައީސް ސާލިޙްގެ ޕާޓީގެ އިސްބައެއް މެންބަރުންނާއި ކެބިނެޓްގެ 4 ވަޒީަކުވެސް ވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ.
މީގެއިތުރުން ބޭރުޤައުމުތަކުގައި ތިއްބަވާ ޔަމަންގެ ގިނަޢަދަދެއްގެ ސަފީރުންނާއި ޑިޕްލޮމޭޓުންނާއި ދާއިމީ މަންދޫބުންވެސް ވަނީ ސާލިޙް ވައްޓާލަން މަސައްކަތްކުރާ ރައްޔިތުންނާ ގުޅިއްޖެކަން ހާމަކޮށްފައެވެ. ހަމައެފަދައިން މިހާތަނަށް ސާލިޙްގެ ވެރިކަން ދިފާޢުކުރުމަށް މަސައްކަތްކުރި ޔަމަންގެ ބައެއް ޤަބީލާތައްވެސް ރޭގައިވަނީ ސާލިހްގެ ވެރިކަމަށް ފާޑުކިޔައި ސާލިޙްގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާނެކަން ހާމަކޮށްފައެވެ.
މިފަރާތްތައް ސާލިޙް ދޫކޮށްލައި ރައްޔިތުންނާއި އދިކޮޅު ފަރާތްތަކާ ގުޅުނުކަން ހާމަކުރުމުން ޔަމަންގެ ދިފާޢީ ވަޒީރު ޖެނެރަލް މުޙައްމަދު ނާސިރު ޢަޙްމަދު ރޭގެވަގުތެއްގައިވަނީ ސާލިހް ގެ ވެރިކަމުގެ ނިޒާމް ހިމާޔަތްކުރުމުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވެ ޔަމަން ޓީވީ މެދުވެރިކޮށް ވާހަކަ ދައްކަވާފައެވެ.
މުރާސިލުން ބުނާގޮތުގައި ރައީސް ސާލިޙްގެ ވެރިކަން ދެން ދެމިއޮތުމުގެ ފުރްސަތު ވަރަށް ކުޑައެވެ. ސާލިޙް ގެ ވެރިކަން ވައްޓާލުމަށް ރައްޔިތުންގެ ބަޔަކު ކުރަމުން ގެންދާ މަސައްކަތަށް މިހާގިނަ ބައެއްގެ ތާއީދުލިބުނީ މިދިޔަ ހުކުރުދުވަހު ސަންޢާގެ ސާހަތުއް ތަޣްޔީރަށް އެއްވެފައިތިބި ރައްޔިތުންނާ ދެކޮޅަށް ޔަމަންގެ ސަލާމަތީ ބާރުތަކުން ހަމަލާދީ 45 މީހަކު މަރާލުމާ ގުޅިގެންނެނެވެ. (އަލްޖަޒީރާ)