20 Sep 2015, 11:31
ޕްރެޒިޑެންޓް ކަޕްގެ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ޓީސީއަތުން 1-0ގެ ނަތީޖައަކުން ބަލިވި މެޗަކީ ނިއުރޭޑިއަންޓްގެ ކޯޗް ސޮބާހް މުޙައްމަދު (ސޮބާ)ގެ ކޯޗްކަމުގެ ދަށުން ނިއު ބަލިވި ލޯކަލް ފުރަތަމަ މެޗަށްވީ އިރު ސެމީއަށް ދިއުމުގައި ނިއުއަށް އަމިއްލަ ބާރު އެބައޮތް ކަމަށް އޭނާ ބުނެފި އެވެ.
މެޗަށް ފަހު ސަންއާ ވާހަކަ ދައްކަމުން ސޮބާ ބުނީ އިއްޔެގެ މެޗުން ނިއު ބަލިވުމަކީ ދެރަކަމެއް ކަމަށާއި ނަމަވެސް ބަލިވުމުން ޓީމުގައި ޓެކްޓިކަލީ އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންކަން ފާހަގަ ކުރެވުނު ކަމަށެވެ.
އެހެންކަމުން މަހިބަދޫއާ ދެކޮޅަށް ނިކުންނާނީ އެކަންކަން ރަނގަޅުކޮށްގެން ސެމީގެ ޖާގަ ކަށަވަރު ކުރުމަށް ކަމަށް ސޮބާ ބުންޏެވެ.
ސޮބާ ބުނީ ނިއުރޭޑިއަންޓްގެ ޓީމަށް އިރުޝާދު ދިނުމަކީ ބޮޑު ޒިންމާއެއް އަދި ބޮޑު ޝަރަފެއް ކަމަށާއި އޭނާ ހުރެގެން ނިއުއަށް ކާމިޔާބު ލިބުމަކީ ރާއްޖޭގެ ބައެއް ސީނިއާ ކޯޗުންނަށް ބަލައިގަންނަން ފަސޭހަ ކަމަކަށް ނުވާ ކަމަށެވެ.
ސޮބާ ބުނީ އޭނާއަކީ ކުޅުންތެރިޔެއްގެ ގޮތުގައި ވެސް ރާއްޖޭގެ ފުޓްބޯޅައަށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިޔެއް ކަމަށާއި އަދި މިހާރު ހޯދަމުންދާ ކާމިޔަބުތަކާ މެދު ވެސް އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ.
"އަހަރެން ހުރެގެން ނިއު ހޯދަމުންދާ ކަމިޔާބުތަކާކީ ރާއްޖޭގެ ބައެއް ސީނިއާ ކޯޗުންނަށް ބަލައިގަންނަން އެހާ ފަސޭހަ ކަމަކަށް ނުވާނެ. ކުޅުންތެރިޔެއްގެ ގޮތުގައި ވެސް އަހަރެން ވަނީ ނިއުއަށާއި ގައުމީ ޓީމަށް ވެސް ގިނަ ކާމިޔަބީތަކެއް ހޯދާފައި. އަދި މިހާރު ވެސް އަހަރެން ހުރެގެން ހޯދަމުންދާ ކާމިޔާބުތަކާ މެދު އަހަރެން ހިތްހަމަޖެހޭ." 2005 ވަނަ އަހަރު އޭއެފްސީ ކަޕްގެ ސެމީފައިނަލަށް ނިއު ދަތުރު ކުރި އިރު ނިއުގެ ޑިފެންސްގައި މުހުންމު ދައުރެއް އަދާކުރި ސޮބާ ބުންޏެވެ.
ސޮބާ ބުނީ ފާޑު ކިޔުންތެރިންގެ ވާހަތަކަށް އޭނާ ނުވިސްނާ ކަމަށާއި ނިއުގެ މެނޭޖުމެންޓާއި ކުޅުންތެރިން އޭނާގެ ފަހަތުގައި ތިބުމުން ހިތްހަމަޖެހޭ ކަމަށެވެ.
ކޯޗިން ކެރިއާގައި ކާމިޔާބު ހޯދުމަށް އޭނަ ފަސް ނުޖެހޭނެ ކަމަށާއި މީ އޭނާގެ ފެށުން ކަމަށައި ފާޑު ކިޔުމަކުން ކޮޗިން ކެރިއާގައި ކުރިއަށް ދިއުމަށް ފަސް ނުޖެހޭނެ ކަމަށް ސޮބާ ބުންޏެވެ.