20 Sep 2015, 11:00
ބަޣްދާދު (ސެޕްޓެމްބަރު 21) : އިރާގުގައި ކޮލެރާ ފެތުރެމުންދާތީ އެކަން ހިނގަން މެދުވެރިވި ސަބަބުތައް ބަލައި ތަހްގީގް ކުރުމަށް ބޮޑުވަޒީރު ހައިދަރުލްއަބާދީ އަމުރު ކުރައްވައފި އެވެ.
ކޮލެރާ ޖެހިގެން ބަޣްދާދުގެ ހުޅަނގުގެ ސަރަހައްދުތަކުގެ އެތައް ސަތޭކަ ބަޔަކު ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްފައިވާ އިރު މިއީ އެސަރައްދުގެ ފެން ނުސާފުވެގެން ހިނގި ކަމެއްކަމަށް ވަނީ ބެލެވިފަ އެވެ. އަބާދީ އޭނާގެ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އަމުރުކުރެއްވީ ކޮރެލާ ފެތުރެން ދިމާވި ސަބަބުތައް ބަލައި ހޯދައި އެކަމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށެވެ. އިރާގުގެ ސަރުކާރުން މިހާރު ގެންދަނީ ކޮލެރާ ފެތުރުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ސަރުކާރުންވަނީ ބަޣްދާދުގައި ފެން ނުސާފުވެފައިވާ ސަރަހައްދުތަކަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ޓަކައި އިތުރު ފެންޕްލާންޓްތަކެއް ވަރަށް އަވަސް ގޮތަކަށް ގާއިމްކޮށްފަ އެވެ.
ބަޣްދާދުގެ އަބޫޣުރައިބު ސަރަހައްދުގައި ކޮލެރާ ފެތުރެމުން ދިޔުމުގެ ސަބަބުން ހަ މީހުން މަރުވެފައިވާ އިރު މީގެތެރެއިން ހަތަރު މީހުންނަކީ އަންހެނުންނެވެ. އިރާގުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ އިންފްރާސްޓްރަކްޗަރުގެ ބޮޑުބައެއް ވަނީ ވަރަށް ދެރަވަރު ހާލަތެއްގަ އެވެ. މިގޮތުން ބޯފެނުގެ ނިޒާމު ވެސް ވަރަށް ގިނަ ސަރަހައްދުތަކެއްގައި ތަޣައްޔަރުވެފައިވާ ކަމަށް އެގައުމުގެ ސިއްޙަތާ ބެހޭ ވުޒާރާ އިން ބުނެ އެވެ. އިރާގުގައި ކޮލެރާ ފެތުރެން ފަށާފައިމިވަނީ އެގައުމުގެ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ޚިދްމަތްތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުން މަގުތަކަށް ނުކުމެ އިޙްތިޖާޖްތައް ކުރަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ. (އަލްޖަޒީރާ)