އަންނަ އަހަރު ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ އިންތިކާބުގައި ދިވެހި ރާއްޖެ އާއި ސާފްގެ ހަތް ގައުމުން ވެސް އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ފީފާގެ ރައީސް މިޝޭލް ޕްލެޓްނީއަށް ތާއިދުކުރަން ނިންމާފައިވާ ކަމަށް ސާފްގެ އޮފިޝަލެއް ވިދާޅުވެއްޖެ އެވެ.

ދެކުނު އޭޝިއާ ފުޓްބޯލް ފެޑްރޭޝަންގެ ސެކްރެޓަރީ ޖެނަރަލް އަންބަވާރުލް ޙައްޤު ރޮއިޓަސްގައި ވިދާޅުވެފައި ވަނީ ސާފުން އަމަލު ކުރާނީ އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީ އިން އަމަލުކުރާ ގޮތަކަށް ކަމަށެވެ.

އޭއެފްސީގެ ރައީސް ގަތަރުގެ ޝައިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލަފީ ވަނީ މިހާރު ވެސް ޕްލްޓްނީ އަށް ތާއިދުކުރައްވައި 111 އަހަރުވީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ރައީސް ކަމަށް އެންމެ އެކަށޭނެ ކެނޑިޑޭޓަކީ ޕްލެޓްނީކަމަށް ވިދާޅުވެ، ޕްލެޓްނީ އަށް ތާއީދުކުރައްވައިފަ އެވެ.

"އޭއެފްސީގެ އިސް ފަޑިން ވަނީ މިހާރު ވެސް ޕްލެޓްނީއަށް ތާއީދު ކުރައްވަން ނިންމަވާފައި. އަޅުގަނޑުމެންދާނީ އޭއެފްސީ އާ އެކު،" ރޮއިޓަސްގައި ވާހަކަ ދައްކަވަމުން އަންވަރުލް ވިދާޅުވި އެވެ.

އަންވާރުލް ވިދާޅުވީ އެންމެ ފަހު ދުވަހު ކޮންމެ މެންބަރު ގައުމަކުން ވެސް ވޯޓް ލާނީ ވަކި ވޯޓެއްގެ ގޮތުގައި ކަމަށާއި ނަމަވެސް ސާފްގެ މެންބަރު ހަތް ގައުމުން ވެސް ވޯޓް ދޭނީ އޭއެފްސީ އިން ދާގޮތަކަށް ކަމަށެވެ.

އަންވާރުލް ވިދާޅުވީ ސާފުން ނިންމާ ނިންމުތަކުގައި އަބަދުވެސް އޭއެފްސީ އިން އަމަލު ކުރަނީ ކިހިނެއްތޯ ބަލާ ކަމަށާއި ސާފުން އަބަދު ވެސް އަމަލު ކުރަނީ އޭއެފްސީ އަމަލުކުރާ ގޮތަކަށް ކަމަށެވެ.

އަންވާރުލްގެ ވާހަކަތަކަށް ބާރުދީ އޯލް އިންޑިއާ ފުޓްބޯލް ފެޑްރޭޝަންގެ ޖެނަރަލް ސެކެޓްރީ ކްޝާލް ޑަސް ވިދާޅުވީ ސާފުން ދާނީ އޭއެފްސީއިން ނިންމާ ގޮތަކަށް ކަމަށާއި ނަމަވެސް އޭގެ ކުރިން އެކަމާ ބެހޭ ގޮތުން ގިނަ ބައްދަލުވުންތަކުގައި މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ.

"ފީފާއަށް އިންތިޚާބުވާ ކެނޑިޑޭޓެއްގެ ގޮތުން އަޅުގަނޑުމެންނަކަށް މާބޮޑު އަސަރެއް ނުކުރާނެ. ސާފުން ދާނީ އޭއެފްސީ އިން ނިންމާ ގޮތަކަށް. ނަމަވެސް އޭގެ ކުރިން ގިނަ ބައްދަލުވުންތަކެއް އެކަމާ ބެހޭ ގޮތުން ބާއްވާނަން،" ކްޝާލް ވިދާޅުވި އެވެ.

އޭޝިއާގެ ހަތް ގައުމުން ވެސް ޕްލެޓްނީއަށް ތާއިދުކުރާނެކަން ސާފްގެ ފުޓްބޯޅައިގެ އިދާރާގެ އޮފިޝަލަކު ވިދާޅުވެފައިވާ އިރު ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

ފީފާގެ އިންތިޚާބު ބާއްވަނީ މި އަހަރުގެ މެއި މަހު 29 ވަނަ ދުވަހު ފީފާގެ އިންތީޚާބު ފަސް ވަނަ ފަހަރަށް ކާމިޔާބު ކުރެއްވި ފީފާގެ މިހާރުގެ ރައީސް ސެފް ބްލެޓާ މަގާމަށް އިންތިޚާބުވިތާ ހަތަރު ދުވަސް ފަހުން ކޮރަޕްޝަންގެ ތުހުމުތުތަކާއެކުގައި އޭނާ އަށް ކުރިމަތިވި ޕްރެޝާގެ ސަބަބުން އިސްތިއުފާ ދެއްވާނެ ކަމަށް ނިންމުމާ ގުޅިގެނެންވެ.

ބްލެޓާ ދެން ފީފާގެ ރައީސް ކަމަށް ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވެފައިވާ އިރު ފީފާގެ ރައީސް ކަމަށް ޕްލެޓްނީގެ އިތުރުން ދެން ވާދަކުރައްވާނެ ކަމަށް ދެން އިއުލާން ކުރައްވާފައި ވަނީ މެއި މަހުގެ އިންތިޚާބުގައި ބްލެޓާއާ ވާދަކުރެއްވި އުރުދުންގެ ޕްރިންސް ޢަލީ ބިން އަލް ޙުސައިންއާ އޭއެފްސީގެ ކުރީގެ ނައިބު ރައީސް ދެކުނު ކޮރެއާގެ ޗަންގް މޫން ޖޫން ވެސް ވަނީ ފީފާގެ ރައީސް ކަމަށް ވަދަކުރައްވާނެ ކަމަށް ނިންމަވާފަ އެވެ.