20 Sep 2015, 10:13
އަރިއަތޮޅު މާމިގިލީ ހުޅަނގު ފަރާތު ބަނދަރުގައި އަޅާފައި އޮތް ކުޑަ ލޯންޗެެއް، ވައިގަދަވެ، މޫސުން ގޯސްވެގެން އަޑިއަށް ހިނގައްޖެ އެވެ.
މާމިގިލީ ކައުންސިލްގެ ނާއިބު ރައީސް އަބްދުﷲ މުފީދު މިއަދު ސަން އަށް ވިދާޅުވީ ބަޔަކު ކުރި ރިޕޯޓަކާ ގުޅިގެން ރޭ ދަންވަރު ރަށުގެ ހުޅަނގު ފަރާތު ބަނދަރަށް ދިޔަ އިރު ކުޑަ ލޯންޗެއް އެއްގަމު ތޮށިގަނޑާ އެކު ބާރަށް ތަޅަނީ ކަމަށާއި އެއީ ކުޑަ ލޯންޗެއް ކަމަށެވެ.
އޭނާ ވިދާޅުވީ މާމިގިލީ ފުލުހުންނާއި އަދި ހޮލިޑޭ އައިލެންޑް ރިސޯޓުން ދޯންޏެއް ގެނެސް، ލޯންޗު ތޮށިގަނޑާ ދުރަށް ޖައްސައި ބޭރުކޮށް، އަދި ލޮތާރި ލައި ބޭރުގައި އަޅާފައިވާ ކަމަށެވެ.
"ލޯންޗު ތޮށިގަނޑުގައި ނުތަޅާ ގޮތް ހެދީ، ލޯންޗު ބޭރުގައި އެޅި އިރު ވެސް އެއްކޮޅު އޮތީ އަޑީގައި،" މުފީދު ވިދާޅުވި އެވެ.

ލޯންޗުގެ އެއްބުރި އަޑީގައި --
އޭނާ ވިދާޅުވީ އެ މަސައްކަތް މައިގަނޑު ގޮތެއްގައި ކުރީ ފުލުހުން ކަމަށާއި އަދި ހޮލިޑޭގެ ދޯންޏެއްގެ އެހީތެރިކަން ލިބުނު ކަމަށެވެ.
މުފީދު ވިދާޅުވީ އެއީ 10 ވަރަކަށް މީހުންގެ ޖާގައިގެ ލޯންޗެއް ކަމަށާއި އެ ލޯންޗުގައި އަޅާފައި ވަނީ 175 ހޯސްޕަވަރުގެ އައުޓް ބޯޑް އިންޖީނެއް ކަމަށެވެ. އަދި ވިދާޅުވީ އޭނާ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ދ. މީދޫން އިއްޔެ އެރަށަށް އައި އެ ރަށު މީހެއްގެ ލޯންޗެއް ކަމަށެވެ.