ޓޯކިޔޯ: ޖަޕާނުން ޓެސްޓްކުރި ކާބޯތަކެތީގައި ފުކުޝީމާ ނިއުކްލިޔަރ އެކުވެނިން ލީކުވި ރޭޑިއޭޝަންގެ އަސަރު ވަރަށް ބޮޑުކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ބުނެފިއެވެ.

އޭޝިޔާ ޕެސިފިކް ސަރަޙައްދުގައި ހުންނަ ޑަބްލިޔޫ.އެޗް.އޯ. ގެ ސަރަޙައްދީ އޮފީހުގެ ތަރްޖަމާން ވިދާޅުވިގޮތުގައި ފުކުޝީމާ ސަރަޙައްދާއި އެސަރަޙައްދާއި ކައިރީގެ ހަތަރު ސަރަޙައްދަކުން ނެގި ފެނުގެ ސާމްޕަލްތަކުގައިވެސް ނުރައްކާތެރި މިންވަރަކަށް އަޔޮޑިން އެބަހުއްޓެވެ. އަދި މިސަރަޙައްދު ތަކުގެ މޭވައާއި ތަރުކާރީއާއި އުފައްދާފައިވާ ކިރުގެ ބާވަތްތަކުންވެސް އިންސާނުންގެ ސިއްޙަތަށް ނުރައްކާވާ މިންވަރަށް ރޭޑިއޭޝަންގެ އަސަރު ހުރިކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ޖަޕާނުން ބޭރު ޤައުމަކަށް އެކްސްޕޯޓް ކޮށްފައިވާ ކާބޯތަކެތީގެ ބާވަތަކުން ރޭޑިއޭޝަންގެ އަސަރު އަދި ފެނިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޖަޕާނަކީ ކާބޯތަކެތީގެ ވަރަށް ގިނަބާވަތްތަކެއް ބޭރުން އިންޕޯޓްކުރާ ޤައުމަކަށް ވިޔަސް ޗައިނާ، ހޮންގ ކޮންގ، އެމެރިކާ އަދި އޭޝިޔާގެ ބައެއް ޤައުމުތަކަށް ޖަޕާނުން ސީ ފުޑްގެ ބާވަތްތަކާއި ތަރުކާރީއާއި މޭވާ އަދި ކިރުގެ ބާވަތްތައް އެކްސްޕޯޓް ކުރެއެވެ.

ޖަޕާނުން ކާބޯތަކެތި އިންޕޯޓްކުރާ ޤައުމުތަކުންވަނީ ޖަޕާނުންއެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކުގައި ރޭޑިއޭޝަންގެ އަސަރު ހުރިތޯ ޓެސްޓްކުރާނެކަން ހާމަކޮށްފައެވެ.

މި މަހުގެ 11 ވަނަ ދުވަހު ޖަޕާނަށްއައި ބާރުގަދަ ބިންހެލުމާއި ސުނާމީގެ ސަބަބުން 122 ބިލިޔަނާއި 235 ބިލިޔަން ޑޮލަރާ ދެމެދުގެ ގެއްލުމެއް ޖަޕާނަށް ލިބޭނެކަމަށާއި މިކަމުގެ ސަބަބުން ޖަޕާނުގެ އިޤްތިސާދުގެ ދުވެލި ލަސްވެގެންދާނެ ކަމަށް ވޯލްޑް ބޭންކުން ހާމަކުރެއެވެ. (ރޮއިޓާސް)