ދަރިފުޅު ޓީނާ އަހުޖާ ފުރަތަމަ ފެނިގެންދާ ފިލްމު، "ސެކަންޑް ހޭންޑް ހަސްބެންޑް" ބެލުމަށް ފަހު ފެންކަޅި ވެގެންދިޔަ ކަމަށް ބޮލީވުޑްގެ އެކްޓަރު ގޮވިންދާ ބުނެފި އެވެ.

ގޮވިންދާ ބުނި ގޮތުގައި އޭނާގެ އަންހެން ދަރިފުޅު އެކަނި ފިލްމީ ދާއިރާއަށް ނުކުތުމުން އެކަން އޭނާ އަށް ގަބޫލެއް ވެސް ނުކުރެވުނެވެ. އަދި ގޮވިންދާ ވަނީ އޭނާގެ އަންހެން ދަރިފުޅަކީ ރަނގަޅު އަދި ކިޔަމަންތެރި ދަރިއެއް ކަމަށާއި އޭނާގެ ދިރިއުޅުމުގައި ކާމިޔާބީއަށް އެދޭ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން، މިދިޔަ ހުކުރު ދުވަހު އޮތް ހަ ވަނަ އިންޑިއާ ލީޑާޝިޕް ކޮންކުލޭޗް އެންޑް ބިޒްނަސް އެވޯޑް ރަސްމިއްޔާތުގައި، "ސެކަންޑް ހޭންޑް ހަސްބެންޑް" އަށް ލިބުނު ފުރަތަމަ އެވޯޑާ އެކު ޓީނާ ވަނީ އޭނާގެ ބައްޕަ، ގޮވިންދާ ފަހުރުވެރި ކޮށްލާފަ އެވެ.

"ފުރަތަމަ އެވޯޑް ލިބުމުން ވަރަށް އުފާވޭ. އަހަންނާ އަހަރެންގެ އާއިލާގެ ހުރިހާ އެންމެންގެ ވެސް ދުއާއަކީ ކާމިޔާބު ބަތަލާއަކަށް ޓީނާ ވުން. ޓީނާއަށް ފުރަތަމަ އެވޯޑް ލިބުމުން އަހަރެމެން މިތިބީ ވަރަށް އުފަލުން،" ގޮވިންދާ ބުނެފައިވެ އެވެ.

އޭނާ ބުނި ގޮތުގައި އޭނާގެ ދުއާއަކީ ދިމާވާ ހުރިހާ ހުރަސްތަކަކާ ކުރިމަތިލުމަށް ފަހު ދަރިފުޅު ޓީނާ ސުޕާސްޓާރަކަށް ވުމެވެ. އަދި އޭނާގެ ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއްގައި ހިތްވަރުދޭނެ ކަމަށް ވެސް ގޮވިންދާ ބުނެފައިވެ އެވެ.

ސުމީޕް ކާންގު ޑައިރެކްޓްކޮށް ގްރިޕީ ގްރެވަލް، ދަރްމެންދުރާ އަދި ގީތާ ބަސްރާ ފެނިގެންދާ އިންޑިއަން ރޮމޭންޓިކް ކޮމެޑީ ފިލްމު، "ސެކަންޑް ހޭންޑް ހަސްބެންޑް" ރިލީޒްކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. ނަމަވެސް އެ ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ނުލިބި ފްލޮޕް ވެފަ އެވެ.