ފިލްމު ކުޅުނަސް ކޮމެޑީ ޝޯތައް ދުލެއް ނުކުރާނެ ކަމަށް މަޝްހޫރު ކޮމޭޑިއަން އަދި ކަލާޒް ޗެނަލް އިން ދައްކާ ކޮމެޑީ ޝޯ، "ކޮމެޑީ ނައިޓްސް ވިތް ކަޕިލް" އެ މީހަކަށް ނިސްބަތްވާ ކަޕިލް ޝަރުމާ ބުނެފި އެވެ.

އިންޑިއާ ޓީވީން ދައްކާ "އާޕް ކީ އަދާލަތު" އަށް ދިން އިންޓަވިއުއެއްގައި އައްބާސް މަސްތާން ޑައިރެކްޓްކުރާ "ކިސް ކިސްކޯ ޕިޔާރް ކަރޭ" އިން ހިންދީ ފިލްމީ ދާއިރާއަށް ނުކުންނަ ކަޕިލް ވަނީ، ފިލްމުތަކުގައި މަސައްކަތް ކުރަމުން ބޮލީވުޑްގެ ދެ ސުޕާސްޓާރުން ކަމަށްވާ ޝާހުރުކް ޚާން އާއި އަމީތާބު ބައްޗަން ވެސް ޓީވީ ޝޯތައް ހުށަހަޅައިދޭ ކަމަށް ބުނެފައެވެ.

މީގެ އިތުރުން، އެއް ދާއިރާއަކަށް ހުސްވެގެން މިޒަމާނުގައި އެކަކުވެސް ނުހުންނާނެ ކަމަށް ކަޕިލް ބުނެފައިވެ އެވެ.

"ކިސް ކިސްކޯ ޕިޔާރް ކަރޭ" ގައި ކަޕިލް އާއެކު އެލީ އާވްރާމް، މަންޖަރީ ފަޑްނިސް، ސިމްރަން ކޯރް މުންޑީ އަދި ސައި ލޯކަރް ފެނިގެންދާއިރު، ވަރުން ޝަރުމާ އާއި އަރްބާޒް ޚާން ވެސް ފިލްމުގެ ތަރިންގެ ތެރޭގައި ހިމެނެ އެވެ.

ރޮމޭންޓިކް ކޮމެޑީ ވާހަކައެއްގެ މައްޗަށް ހަދާ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.

ކަޕިލް ބުނި ގޮތުގައި އޭނާގެ އެންމެ ހިޓް ޝޯ އިން ނުފެނި ދުވަސްތަކެއް ދިޔައީ ބޮޑު އަނިޔާއަކަށް ބޭސްކުރަމުން ދިއުމުން ޑޮކްޓަރުން އަރާމު ކުރުމަށް އެންގުމުން ކަމަށެވެ. އަދި އޭނާގެ ނެތްތަން ފޫބެއްވި ސަޖިދު ޚާން އަށާއި އަރުޝަދު ވަރުސީ އަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.