އިނގިރޭސީ ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ހޯދި ފުރަތަމަ މޮޅާއެކު ޗެލްސީން އާސެނަލްގެ މައްޗަށް ކުރި ހޯދައިފި އެވެ.

މެޗުގެ ކުރީކޮޅު މޮޅު ކުޅުމެއް ދެއްކި އާސެނަލްގެ ކުޅުން ބަދަލުވެގެން ދިޔައީ މެޗުގެ ފުރަތަމަ ހާފް ނިމެނިކޮށް ގެބްރިއަލް ޕައުލިސްޓާއަށް ދެއްކި ރަތް ކާޑުންނެވެ.

ޗެލްސީގެ ޑިއެގޯ ކޯސްޓާއާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ރެފްރީ ވަނީ އާސެނަލްގެ ގެބްރިއަލް ޕައުލިސްޓާ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. އަދި ދެ ވަނަ ހާފްގެ 79 ވަނަ މިނެޓްގައި އާސެނަލްގެ ސެންޓި ކާޒޯލާ އަށް ވެސް ވަނީ ރަތް ކާޑެއް ދައްކާފަ އެވެ.

މެޗުގައި ވަނީ ޖުމްލަ ނުވަ ކާޑު ދައްކާފަ އެވެ. އާސެނަލްގެ ކުޅުންތެރިންނަށް ހަތަރު ރީނދޫ ކާޑު ދެއްކިއިރު ޗެލްސީގެ ކުޅުންތެރިންނަށް ވަނީ ތިން ރީނދޫ ކާޑު ދައްކާފަ އެވެ.

މެޗަށް ފަހު އާސެނަލްގެ ކޯޗު އާސެން ވެންގާ ވަނީ ކޯސްޓާއަށް ރަތްކާޑު ނުދެއްކުމުން ހިންހަމަނުޖެހުން ފާޅުކޮށް ރެފުރީއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

"އަހަރެން މިރޭ މި ހުރީ މައިކް ޑީންއާ ދޭތެރޭ ހިންހަމަ ޖެހިގެންނެއް ނޫން. ކޯސްޓާ ދެ ފަހަރަށް ދަނޑުން ފޮނުވާލަން ޖެހޭ،" ވެންގާ ބުންޏެވެ.

ޑިއެގޯ ކޯސްޓާއާ ގެބްރިއަލް ޕައުލިސްޓާ އާ ދެމެދު ހިނގި ހަމަނުޖެހުމަށްފަހު ދެ ކުޅުންތެރިން ދުރުކުރަނީ --- ފޮޓޯ: އޭޕީ

މެޗްގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ 54 ވަނަ މިނެޓްގައި ޗެލްސީއަށް ލިބުނު ހިލޭ ޖެހުން ޕެނެލްޓީއޭރިއާ ތެރެއަށް ސެސް ފެބްރިގާސް ފޮނުވާލި ބޯޅަ ކާޓް ޒޫމާ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. ޗެލްސީގެ ދެ ވަނަ ލަނޑު އެޑިން ހަޒާޑް ކާމިޔާބު ކޮށްދިނީ މެޗު ނިމެނިކޮށް ފޮނުވާލި ބޯޅަ އާސެނަލްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.

ވެންގާއާ އަބަދުވެސް ޚިޔާލު ތަފާތުވާ ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ގެ ވާހަކަ މި ފަހަރުވެސް ވަރަށް ތަފާތެވެ. މޮރީނިއޯ ބުނާ ގޮތުން ކޯސްޓާއަކީ މެޗުގެ މޮޅު ކުޅުންތެރިޔާއެވެ.

"ހައްގު މޮޅެއް މި ލިބުނީ އަހަރެމެން އެބަޖެހޭ މެޗުތަކެއް ކާމިޔާބު ކުރަން. ތިން ދުވަސް ތެރޭގައި ދެ ވަނަ މޮޅު މި ލިބުނީ. އަހަރެމެން މެޗުތަށް ކޮންޓުރޯލް ވެސް ކުރަނީ. ރަތް ކާޑާ ދޭތެރޭ ދައްކާނެ ވާހަކައެއް ނެތް .އެއްވެސް ޝައްކެއް ނެތް މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ކޯސްޓާ،" މޮރީނިއޯ ބުންޏެވެ.

އާސެނަލްގެ ސެންޓި ކާޒޯލާ ފެބްރިގާސް އަށް ޓެކުލް ކުރަނީ --- ފޮޓޯ: އޭޕީ