ބޮލީވުޑްގެ ސުޕާސްޓާ ޝާހުރުކް ޚާން، 2003 ވަނަ އަހަރު ނެރުނު ފިލްމު، "ކަލް ހޯ ނަހޯ"ގައި ދެއްކި މޮޅު އެކްޓުން ގިނަ ބަޔަކު ފެންކަޅި ކޮށްލި އެވެ. ފިލްމުގެ ފަހު ތަންކޮޅުގައި ޝާހު މަރުވާ ތަނުން ގިނަ މީހުން ރޮއްވާލީ އެވެ.

ނަމަވެސް ޝާހު ބުނާ ގޮތުން އޭނާގެ ކުދިންނަކަށް އެ މަންޒަރެއް ދުވަހަކު ވެސް ނުދައްކަ އެވެ. އޭގެ ބަދަލުގައި ކުދިންނަށް ޝާހު ދައްކާފައި ވަނީ އެ ފިލްމު ޕްރޮޑިއުސްކޮށް ލިޔެފައިވާ ކަރަން ޖޯހަރު އެޑިޓްކޮށްފައިވާ ވާޝަން އެކެވެ. އެޑިޓް ކޮށްފައިވާ ފިލްމުގައި ޝާހު މަރުވުމުގެ ކުރިން ފިލްމު ނިމެ އެވެ.

"ޗެންނާއީ އެކްސްޕްރެސް"ގެ ތަރި ޝާހު މިހެން ބުނެފައި ވަނީ، "ކަލް ހޯ ނަހޯ" ބެލުމަށް ފަހު ކުޑަ އަންހެން ކުއްޖަކު ރޯން ފަށާ މަންޒަރު ފެންނަ ވީޑިއޯއެއް އޭނާގެ ސަޕޯޓަރަކު ޓުވީޓް ކުރުމުން އެޔަށް ރައްދު ދެމުންނެވެ.

"އަހަރެންގެ ކުދިންނަކަށް ދުވަހަކު ވެސް "ކަލް ހޯ ނަހޯ" ނިމުމެއް ނުދައްކަން. ކަރަން ވަނީ ފިލްމުގައި އަހަރެން އުދުހިގެން ދިއުމުގެ ކުރިން (މަރުވެގެން ދިއުމުގެ ކުރިން) ނިމޭ ގޮތަށް ހާއްސަ އެޑިޓެއް ކޮށްފައި،" ޝާހު އިއްޔެ ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.

ނިކިލް އަދުވާނީ ޑައިރެކްޓްކޮށް ނެރުނު އިންޑިއަން ރޮމޭންޓިކް ކޮމެޑީ ޑްރާމާގައި ޝާހުގެ އިތުރުން ސައިފް އަލީ ޚާން އާއި ޕްރީތީ ޒިންތާ ފެނިގެންދެ އެވެ.