ޑީއާރްޕީން ރުހުން ނުދޭނެ ކަމަށް އިއުލާންކޮށްފައިވާ ހޯމް މިނިސްޓަރު ހަސަން އަފީފަށާއި ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމަށް ރުހުން ލިބިފައި ވަނީ، ސަރުކާރަށް އެ ވޯޓު ކާމިޔާބުކޮށްދިނުމަށް ބައެއް މެމްބަރުން އަމަލުކޮށްފައިވާތީ ކަމަށް ޑީއާރްޕީން ތުހުމަތުކޮށްފި އެވެ.

ޑީއާރްޕީން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނަނީ، މިއަދު އޮތް ރައްޔިތުންގެ މަޖިލީހަށް އެޕާޓީގެ ނައިބު ލީޑަރު އަދި ގެމަނަފުށި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި ވެލިދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު )އަލިބެ( މަޖިލީހަށް ވަޑައިނުގެންނެވުމުން ވަރަށް ހިތާމަކުރާ ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީކޮށް، ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އަބަދުވެސް ވަކާލާތު ކުރައްވަމުން ގެންދެވި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ގައުމީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕް މެމްބަރު، ވިލުފުށި ދާއިރާގެ ރިޔާޒް ރަޝީދު، "ސަރުކާރަށް ވޯޓު ކާމިޔާބުކޮށްދެއްވުމުގެ ގޮތުން ވޯޓުދެއްވާފައިވާތީ" ކަންބޮޑުވާ ކަމަށް ވެސް ޑީއާރްޕީގެ ބަޔާނުގައިވެ އެވެ.

"އިދިކޮޅު ޕާޓީތަކާ އެކު ސަރުކާރު ޖަވާބުދާރީކުރުވުމަށާއި ޒިންމާދާރު ކުރުވުމަށް އެންމެ ކުރީ ސަފުގައި ހަރުއަޑުން އެކި ޕޯޑިއަމްތަކާއި އެކި ޓީވީ ޕްރޮގްރާމްތަކުގައި ވާހަކަ ދައްކަވާ އިސްވެ ދެންނެވި ބައެއް އިއްޒަތްތެރި މެމްބަރުން ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލައިގައި ސަރުކާރަށް ވޯޓުކާމިޔާބުވާ ގޮތަށް އަމަލުކުރައްވައިފައި ވާތީ އެކަމާ ދިވެހި ރައްޔިތުންގެ ޕާޓީން ވަރަށް ކަންބޮޑުވެ، ހިތާމަކުރާ ވާހަކަ ދެންނެވީމެވެ." ޑީއާރްޕީގެ ބަޔާނުގައިވެ އެވެ.

ޑީއާރްޕީގެ މެމްބަރަކު ވިދާޅުވި ގޮތުގައި، މިއަދު ވޯޓަށް އެހި ވަޒީރުންގެ ތެރެއިން އާދިލާއި ސަވާދުގެ އިތުރުން އަފީފަށް ރުހުން ނުދޭން ކަނޑައަޅައިފައި ވަނިކޮށް، ސަވާދު ނޫން އެހެން ބޭފުޅުންގެ ނަން ފާސްވީ، އިލްހާމާއި އަލިބެ ރަށުގައި ނެތުމުން ކަމަށާއި އެބޭފުޅުން ބޭރަށް ފޮނުއްވާލެއްވުމުގައި މަޖިލީހުގެ ތެރެއިން ބަޔަކު މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ވިދާޅެެއް ނުވެ އެެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިލްހާމާއި އަލިބެ މަޖިލީހަށް ވަޑައިގެން، އަފީފާއި އާދިލާ ދެކޮޅަށް ވޯޓުދެއްވި ނަމަ އެ ވަޒީރުންނަށް ރުހުން ނުލިބޭނެ އެވެ. އަދި ވޯޓު އެއްވަރުވި ނަމަ، ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ވޯޓު ލައިގެން އެ ނަންތައް ވެސް ފެއިލްކޮށްލެވުނީސް ކަމަށެވެ.

ނަމަވެސް، އިލްހާމާއި އަލިބެއާ ގުޅޭ ގޮތުން އެ އަޑުތައް ފެތުރުމާ ގުޅިގެން، ލަންކާގައި ހުންނަވައިގެން އިލްހާމް ފޮނުއްވި އެސްއެމްއެސްއެއްގައި ވިދާޅުވެފައި ވަނީ، އޭނާގެ ދަރިފުޅު އޮތީ ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށްފައި ކަމަށާއި މިއަދު ހެނދުނު މާލެ ވަޑައިގަތުމަށް ޓިކެޓު ނެންގެވުމަށް ފަހު ކެންސަލްކުރެއްވީ ވެސް ދަރިފުޅުގެ ހާލު ސީރިއަސްވެގެން ކަމަށެވެ.

އަލިބެގެ ބަހެއް ވަނީ ލީބެ ގޮތް ނުވެފަ އެވެ. ނަމަވެސް، އޭނާވެސް ހުންނެނީ ރާއްޖެ އިން ބޭރުގަ އެވެ.
މިއަދު ނެގި ވޯޓުގައި އާދިލާއި އަފީފްގެ ނަން ފާސްކުރުމަށް މަދުވެގެން 37 ވޯޓު ބޭނުންވި އިރު، އާދިލުގެ ނަން ފާސްވީ 39 ވޯޓު ލިބިގެންނެވެ. އަފީފުގެ ނަން ފާސްވީ ކިރިޔާ 37 ހަމަވެގެންނެވެ.

އެ ވޯޓުގައި ޑީއާރްޕީ/ޕީއޭ ކޯލިޝަނުން އަފީފާއި ސަވާދު އަދި އާދިލަށް އެއްވެސް ވޯޓެއް ދީފައެއް ނުވެ އެވެ. ނަމަވެސް، އަފީފުގެ ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި އިދިކޮޅު ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، ވަކިކޮޅަކަށް ވޯޓުދެއްވަން ނުފެންނަ ކަމަށެވެ. އަދި އާދިލާ އެއްކޮޅަށް ވޯޓުދެއްވި އިރު ސަވާދުގެ ނަން ފެއިލްކޮށްލުމަށް ވެސް އާނއެކޭ ވިދާޅުވެފައިވެ އެވެ.

ރިޔާޒް ރަޝީދު އަފީފަށް ވޯޓުދެއްވި ނަމަވެސް، އާދިލަށާއި ސަވާދަށް ވޯޓެއް ނުދެއްވަ އެވެ.