ކުޑަ ކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް 181 މީހުންނާއެކު މާލެއިން ފުރައިގެން ތ. ގުރައިދޫއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ ތ. ގުރައިދޫގެ ބޯޓެއް ކަމަށްވާ "ސަވާރީ" ފަރަށް އެރިކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިރޭ 11:15 އެހާކަންހާއިރު ކަމަށެވެ.

އޭނާ ވިދާޅުވީ ބޯޓު ފަރަށް އަރާފައިވަނީ މ. މުލައް ކައިރިން ހުރަސްކުރަނިކޮށް އެ އަތޮޅު ދިއްގަރު ކައިރިން ކަނޑުން ހުރަސް ކުރަނިކޮށް ކަމަށެވެ. ސަލާމަތީ ފަރާތްތަކުން އެ ސަރަހައްދަށް މިހާރު ދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ބޯޓުގެ ފަސިންޖަރެއް ކަމަށްވާ އަޒުމް އަހުމަދު ބުނީ ބައެއް ފަސިންޖަރުން ބޯޓު ފުން ކުރެވޭތޯ މަސައްކަތް ކުރަމުން ކަމަށެވެ.

"ފަރަށް އެއްކޮށް އަރާފައިވަނީ ބޯޓު. އެއްބައި މީހުން އެބަތިބި ލައިފް ޖެކެޓު އަޅައިގެން ބޯޓުގައި. އަނެއްބައި މީހުން އެބަ އުޅޭ ވާ ގަނޑެއް ޖަހައިގެން އެ ފުން ކުރެވޭތޯ،" އޭނާ ބުންޏެވެ.

އަޒުމް ބުނީ އެ ބޯޓު މިއަދު މާލެއިން ފުރާފައިވަނީ ހަވީރު 4:00 އެހާކަންހާއިރު ކަމަށެވެ. އަދި ފުރި އިރު ކަނޑު ވަރަށް މަޑު ކަމަށް އޭނާ ބުންޏެވެ. އަދި މިހާރުވެސް އެހާ ކަނޑުގަދަ ނޫން ކަމަށް އޭނާ ބުންޏެވެ.