20 Sep 2015, 09:36
އަޔަލޭންޑުގެ ޔުނިވާސިޓީއެއްގައި ސިވިލް އިންޖިނިއަރިން ކިޔަވާ ދަރިވަރުންތަކަކާއި ސްކޫލް ދަރިވަރުންތަކެއް ގުޅިގެން ޕްލާސްޓިކާއި ދަގަނޑުގެ އެތިކޮޅުތަކެއް ހިމެނޭ ކުޑަކުދިންގެ ކުޅޭ އެއްޗެއް ކަމަށްވާ މެކާނޯ ބޭނުންކޮށްގެން ދުނިޔޭގެ އެންމެ ދިގު ބްރިޖު އަޅައިފި އެވެ.
ކުއީންސް ޔުނިވާސިޓީ ބެލްފާސްޓުގެ ދަރިވަރުންތަކެއް ހެދި 100 ފޫޓު ދިގު އެ ބްރިޖު ވަގުތީ ގޮތުން އަޅާފައި ވަނީ އުތުރު އަޔަލޭންޑުގެ ވެރިރަށް ބެލްފާސްޓްސްގެ ކްލާރެންޑޮން ޑޮކް ގަ އެވެ. އަދި އެ ބްރިޖް އާއްމުންނަށް ދައްކާލާފައި ވަނީ ހުކުރު ދުވަހު އެވެ.
އެ ރަސްމިއްޔާތުގައި ގިނިސް ވޯލްޑް ރިކޯޑުގެ ބަންދޫބުން ވަނީ އެ ބްރިޖަކީ މެކާނޯ ބޭނުންކޮށްގެން މިހާތަނަށް އެޅި އެންމެ ބޮޑު ބްރިޖު ކަމަށް ނިންމާފަ އެވެ.
ސައިންސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިންނާއި މެތަމެޓިކްސްގެ ދާއިރާއަށް ގިނަ ދަރިވަރުން ހިތްޖެއްސުވުމަށް ހިންގި އައުޓްރީޗް ޕްރޮގްރާމެއްގެ ދަށުން ހެދި އެ ޕްރޮޖެކްޓަކީ އަހަރު ދުވަހުގެ މަސައްކަތެވެ.
ގާތްގަނޑަކަށް 11000 މެކާނޯ އެތިކޮޅު ބޭނުންކޮށްގެން ހެދި އެ ބްރިޖަށް 7000 އަށްވުރެ ގިނަ ނަޓާއި ބޯލްޓް ބޭނުންކޮށްފައިވާ އިރު، ބްރިޖުގެ ބަރުދަނަކީ 600 ކިލޯގްރާމެވެ.
"އަހަރެން ވިސްނީ ދަރިވަރުން ފޮތްތަކާ ދުރުކޮށް، ކޮމްޕިއުޓަރުތަކާ ކަލްކިއުލޭޓަރުތަކާ ދުރުކޮށް ހައިރާންކުރުވަނިވި ކަމެއް ކުރުމަށް ފުރުސަތުދޭން،" ސިވިލް އިންޖިނިއަރިން ލެކްޗަރާ ޑރ. ޑެނިއަލް މެކްޕޮލިން ވިދާޅުވި އެވެ.
މައުލޫމާތު: ބީބީސީ، ސްކައި ނިއުސް، ދަ އިންޑިޕެންޑެންޓް