މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮފަރެންސް ސާވިސް )މެކްސް( އިން ބާއްވާ، "އެޑިއު ވިޝަން ފެއާ"ގެ ނަން "ޔޫތު ވިޝަން" އަށް ބަދަލުކޮށް، އަންނަ މަހު ބޭއްވުމަށް ހަމަޖައްސާފައިވާ އެ ފެއާގެ މަސައްކަތް ބައިނަލްއަގްވާމީ މަދަނީ ޖަމިއްޔާއެއް ކަމަށްވާ ޖޫނިޔާ ޗެމްބާ އިންޓަނޭޝަނަލް (ޖޭސީއައި)ގެ ރާއްޖޭގެ ގޮތްޕާ ގުޅިގެން ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދަރުބާރުގެ ފަންސަވީހުގައި އޮތް ރަސްމިއްޔާތުގައި ޔޫތު ވިޝަން ފެއާގެ އެއްބަވުމުގައި ޖޭސީއައި މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް ޝާނީޒް ސައީދް )ތާނި( އެވެ. މެކްސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު މުހައްމަދު އަޖްމަލެވެ.

އެ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރު ވެސް ޔޫތު ވިޝަން ފެއާ ކުރިއަށްގެންދާނީ ޖޭސީއައިއާ ގުޅިގެން އެވެ.

އަޖްމަލް ވިދާޅުވީ، ތައުލީމީ އަދި ސިއްޚީ ފުރުސަތުތަކާއި ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން ކެރިއާ ގައިޑެންސް އާއި އެ ނޫން ވެސް ގިނަ ދާއިރާތަކާ ގުޅޭ މައުލޫމާތުތަކެއް ފޯރުކޮށްދޭ އެ އެގްޒިބިޝަންގައި މިހާތަނަށް 50 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާ ކަމަށެވެ. ނަމަވެސް، އަދި އިތުރު 30ށް ފަރާތަށް ފުރުސަތުދޭން ގަސްތުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެއާއި ބޭރުގެ ގިނަ ޔުނިވާސިޓީތަކުން ބައިވެރިވާ އެ ފެއާ ބޭއްވުމަށް ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 7، 8 އަދި 9 ވަނަ ދުވަހު ކަމަށް ވެސް އަޖުމަލު ވިދާޅުވި އެވެ.

އަދި އެ އެގްޒިބިޝަން ބޭއްވުމަށް ޖޭސީއައިއާ ގުޅުނީ އެ ޖަމިއްޔާއަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކަށްވުމުގެ އިތުރަށް، އެފަދަ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް ވެސް މެކްސްއިން ބުންޏެވެ.

"..ޖޭސީއައިއާ އެއްކޮށް އެއްބަސްވުމެއްގެ ތެރެއަށް ދިޔައީ، އެއީ ޒުވާނުން ކުރިއެރުވުމަށްޓަކައި ވަރަށް ގިނަ މަސައްކަތްކުރާ އެންޖީއޯއަކަށް ވުމާއި އެ މަސައްކަތުގެ ތެރޭގައި ޒުވާނުން ކުރިއެރުވުމަށް ވަރަށް ގިނަ ޓްރެއިނިންތަކާއި ކެރިއާ ޑިވެލޮޕްމަންޓްގެ ކަންތައްތައް ކުރާ ފަރާތަކަށްވުމުން." އަޖްމަލް ވިދާޅުވި އެވެ.

ޖޭސީއައިގެ ރައީސް ވިދާޅުވީ، އެ އެގްޒިބިޝަން ބޭއްވުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާކުރައްވާ ކަމަށާއި އެފަދަ ފުރުސަތުތައް ހޯދުމަށް ޖޭސީއައި އިން އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ.