ައައްޑޫ ސިޓީގެ މަރަދޫގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ދެ މީހަކު ޒަޚަމްވެ، އޭގެތެރެއިން އެކަކު ހާލުދެރަވެގެން ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ހިތަދޫ ހޮސްޕިޓަލްގެ ޑިރެކްޓަރު ޝާހު ސައީދު ސަން އަށް ވިދާޅުވީ އެ އެކްސިޑެންޓުގައި ޒަޚަމްވި ދެ މީހުންގެ ތެރެއިން 19 އަހަރުގެ ޒުވާނާގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ޝާހު ވިދާޅުވީ އެ ޒުވާނާގެ ބޮލަށް ލޭ އެޅިފައިވާއިރު، ކަންފަތުން ވެސް ލޭ ފައިބާ ކަމަށެވެ. އަދި އޭނާގެ ކޮނޑުކައިރިން ވެސް ޒަޚަމްތަކެއް ވެފައިވާ ކަމަށް ޝާހު ވިދާޅުވި އެވެ.

އެކްސިޑެންޓުގައި ޒަޚަމްވި ދެވަނަ މީހާގެ އުމުރު އަދި ސާފުވާގޮތެއް ނުވެއެވެ. ހިތަދޫ ހޮސްޕިޓަލްގެ ޑިރެކްޓަރު ވިދާޅުވީ އެ ޒުވާނާގެ ގައިގެ އެކި ތަންތަނުން މަށައިގެން ދިޔުން ފިޔަވައި އިތުރު އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 9:20 އެހާކަންހާއިރު އެ އެކްސިޑެންޓު ހިނގާފައި ވަނީ މަރަދޫ ބޮޑުމަގުގައި ސައިކަލަކާއި ޕިކަޕެއްޖެހިގެން ކަމަށެވެ.

ހިތަދޫ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނީ ސައިކަލް ދުއްވަން އިން މީހާއެވެ. އަދި ފަރުވާ ދެމުން އަންނަ ދެވަނަ މީހާ އަކީ ސައިލްގެ ފަހަތުގައި އިން މީހާ އެވެ.