ޕްރެޒިޑެންޓް ކަޕްގައި މިއަދު ހަވީރު އެންމެ ފަހުގެ ޗެމްޕިއަން، ނިއުރޭޑިއެންޓް ސްޕޯޓުސް ކުލަބުގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ޓީސީ ސްޕޯޓްސްއިން ސެމީގެ އުއްމީދު ބޮޑުކޮށްފި އެވެ.

މެޗުގެ ބޮޑުބައި ކޮންޓްރޯލް ކޮށްގެން ކުޅުނު ޓީސީ ސްޕޯޓްސްގެ ލަނޑު ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައެވެ. އެ ލަނޑު ޓިސީ އަށް ކާމިޔާބު ކޮށްދީފައި ވަނީ ފޯވާޑު އަލީ ނާފިއު (ކަޅޭ) އެވެ.

މިއަދު ނިއުރޭޑިއެންޓާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ކުޅުދުއްފުށީ. ކޮމް

އެ މެޗުގައި ޓީސީ ސްޕޯޓްސް ގެ ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިމްރާން) ގެ ފަރާތުން ވަނީ މުހިންނު ސޭވްތަކެއް ފެނިގެން ގޮސްފައެވެ.

އެ ނަތީޖާއާ އެކު ޓީސީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓް ހޯދާފައިވާއިރު ނިއު އާއި ބީޖީއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

މި ގުރޫޕްގައި ދެން ކުޅޭ މެޗްގައި ނިއުރޭޑިއަންޓް ނިކުންނާނީ މަހިބަދޫއާ ދެކޮޅާށެވެ. އެމެޗް އޮންނާނީ އަންނަ ހޯމަ ދުވަހު ކުޅުދުއްފުށީ ޒޯން އެކެއް ސުޓޭޑިއަމުގައެވެ.