21 Mar 2011, 17:59
ހޮންކޮންގައި މީހަކު މަރާލުމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ބޭރު މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އުމުރުން 29 އަހަރުގެ އެމީހާ ހައްޔަރުކޮށްފައި ވަނީ އިނިގިރޭސިވިލާތުގެ އަންހެނެއް ކަމުގައިވާ ޖެނެޓް ގިލްސަން، 64، މަރާލި ކަމުގެ ތުހުމަތުގަ އެވެ. އެ އަންހެންމީހާއަކީ ސެލްވޭޝަން އާމީގެ މުވައްޒަފެއްކަމަށް ބޭރުގެ މީޑިއާ ރިޕޯތުތައް ބުނެ އެވެ.
މިމަހުގެ ހަ ވަނަ ދުވަހު ހޮން ކޮންގަށް ދިޔަ ޖެނެޓް މަރާލާފައި އޮއްވައި ފެނިފައި ވަނީ، އޭނާ ގެއްލިގެން ހޯދަމުންދާތާ ތިން ދުވަސް ފަހުން، އޭނާ އަށް ބޮޑުދައިތަ ކިޔާ ޖޫލިއާ ފަރީދު ދިރިއުޅޭ ގެއިން ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެ އެވެ. އޭނާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މާޗް 15 ވަނަ ދުވަހު އެވެ.
ޖެނެޓުގެ ބޮލަށް ޒަޚަމްތަކެއް ލިބިފައިވާ ނަމަވެސް، އޭނާ މަރުވީ އެ ޒަޚަމްތަކުގެ ސަބަބުން ކަމެއް ފުލުހުން ކަށަވަރުކޮށްނުދޭ ކަމަށް ވެސް ބޭރުގެ މީޑިއާތަކުން ބުނެ އެވެ.
ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލު އިރުޝާދާ އަބްދުއްސައްތާރު މިއަދު ވިދާޅުވީ، މީހަކު މަރާލިކަމުގެ ތުހުމަތުގައި ހޮންގް ކޮންގައި ދިވެއްސަކު ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތު ޗައިނާގައި ހުންނަ ދިވެހި އެމްބަސީން މިއަދު ދީފައިވާ ކަމަށެވެ. އަދި އޭނާ ވަނީ މިހާރު ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދިފައި ކަމަށާއި ޗައިނާ އެމްބަސީން ގެންދަނީ އެ މައްސަލައިގައި ވެދެވެން އޮތް އެހީތެރިކަމެއް ވަމުން ކަމަށް ވެސް އިރުޝާދާ ވިދާޅުވި އެވެ.
ސައުތު ޗައިނާ ޕޯސްޓާ ހަވާލާދީ އޭއެފްޕީ ނޫހުގައި ބުނަނީ، އެ ފިރިހެން މީހާއަކީ ޖެނެޓަށް ބޮޑުދައިތަ ކިޔާ، ޖޫލިއާ ފަރީދުގެ ފިރިމީހާ ކަމަށެވެ. އެ ދެ މީހުން ބައްދަލުވި ކަމަށް ބެލެވެނީ ޖޫލިއާ ރާއްޖޭގައި ވަޒީފާ އަދާކުރަން އުޅެނިކޮށް ކަމަށްވެ އެވެ. ނަމަވެސް، އެދެމަފިރިން އުޅެނީ ވަކިން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
އެ ފިރިހެން މީހާއަކީ މީގެ ކުރިން ވެސް މާރާމާރީގެ ރެކޯޑް އޮންނަ މީހެއް ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި ފިރިހެންމީހާގެ މައްޗަށް އޭނާގެ އަނބިމީހާ ހޯދައިފައިވާ ކޯޓު އަމުރާ ޚިލާފަށް، އެ ފިރިހެންމީހަ ވަނީ އަނބިމީހާ ދިރިއުޅޭ ގެއަށް އެކިފަހަރުމަތިން ގޮސްފައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
ނަމަވެސް، އެއްވެސް މީޑިއާއެއްގައި މިހާތަނަށް އެމީހާއަކީ ކާކުކަމެއް ބުނެފައެއް ނުވެ އެވެ. އޭއެފްޕީ ނޫހުގައިވާ ގޮތުން ހޮންގް ކޮންގް ފުލުހުން ބުނަނީ، ހައްޔަރުކުރި ފިރިހެން މީހާއާ ގުޅޭ ތަފްސީލު ހާމަކޮށްފައިނުވަނީ އޭނައާ ބެހޭ މައުލޫމާތު ލިބިފައިނުވާތީ ކަމަށެވެ.