20 Sep 2015, 09:20
މީގެ ކުރިން އީދަށް އެ މީހެއްގެ ރަށަށް ނުދެވިއްޖެ ނަމަ އެއީ ބޮޑު ހިތާމައެކެވެ. ކުރަން ހުރި ހުރިހާ މަސައްކަތެއް މެދުކަނޑާލާފައި އީދަށް ރަށަށް ދިއުމަކީ އޭރު ދިވެހިންގެ ތެރޭގައި އޮތް ބޮޑު އާދައެކެވެ. ކޮންމެ މީހަކު ވެސް އެމީހަކު ދާން ބޭނުންވާނީ އެމީހެއް ނިސްބަތްވާ ރަށަށެވެ. އެމީހެއްގެ އީދުގެ އުފާ ލިބިގަންނަނީ ރަށަށް ގޮސް ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންނާއެކު އެވެ. ނަމަވެސް ފަހުގެ ތާރީހަށް އައިސް އެއާދަ އެވަނީ ބަދަލުވާން ފަށައިފަ އެވެ. އަމިއްލަ ރަށް ނޫން އެހެން ރަށަށް އީދަށް ދިއުން އެވަނީ އުފަލަކަށްވެފަ އެވެ.
އީދު ބަންދު ލިބޭކަން ޔަގީންވުމާ އެކު މާލެ ކައިރި ރަށްރަށާއި އީދު ކުޅިވަރުތައް އޮތް ރަށްރަށަށް ބާރު ބޮޑުވެގެން ދިޔަ އެވެ. އެފަދަ ގިނަ ރަށްރަށުގެ ކުލީ ކޮޓަރިތަކާއި ގެސްޓް ހައުސްތައް ފުރި ބާރުވެގެންދިޔަ އެވެ. މިހާރު މިވަނީ އެރަށްރަށަށް މީހުން ފުރަން ފަށައިފަ އެވެ. ފެރީތަކާއި ލޯންޗްތަކާއި ފުލައިޓްތަކުގައި އެއް ރަށުން އަނެއް ރަށަށް އީދު އުފާ ލިބިގަތުމަށް ދިއުމުގެ ފޯރި އެވަނީ އަށަގެންފަ އެވެ.

ކ. މާފުށީ ކައުންސިލް ރައީސް މުހައްމަދު މުސްތަފާ ވިދާޅުވި ގޮތުގައި މިއީދަށް އެރަށަށް ގިނަ ބަޔަކު ދަނީ އަރަމުންނެވެ. އޭގެ ތެރޭގައި ގިނައީ އެހެން ރަށްރަށުން އަންނަ މީހުން ކަމަށާއި އެފަރާތްރަކުން އަންނަނީ އީދުގެ އުފާލިބިގަތުމަށާއި ޗުއްޓީ ހޭދަ ކުރުމަށް ކަމަށް މުސްތަފާ ވިދާޅުވި އެވެ.
"ވަރަށް ބާރު ބޮޑުކޮށް ދަނީ. ރަށުގައި އެބައޮތް ދިވެހި ސަގާފީ ކުޅިވަރާއި ސުޓޭޖް ޝޯ އާއި ޖާފަތާއި ވަރަށް ބައިވަރު އައިޓަމްތައް." މުސްތަފާ ވިދާޅުވި އެވެ.
ހަމައެކަނި މާލެ ކައިރި ރަށްރަށް އެކަންޏެއް ނޫނެވެ. މާލެއާއި ދުރު ރަށްރަށަށް ވެސް ގިނަ ބަޔަކު ދަނީ ދަތުރުކުރަމުންނެވެ. މަގުސަދަކީ ތަފާތު މާހައުލެއްގައި އީދުގެ އުފާލިބިގަތުމެވެ. ހއ. ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒު ވިދާޅުވީ މިފަހަރު އީދާ ގުޅިގެން އެ ރަށަށް، ރަށުން ބޭރުން އެތައް ބަޔަކު އަންނަމުންދާ ކަމަށެވެ. އީދު ފޯރީގައި އެރަށު ގެސްޓް ހައުސްތައް ފުރިފައިވާ ކަމަށް އިންފާޒު ވިދާޅުވި އެވެ.
ޒަމާންތަކެއް ކުރިއަށް ޖެހިލާއިރު އީދަށް އަމިއްލަ ރަށަށް ދިއުމުގެ އިތުރުން ދެން މުޅިންހެން ދާނީ ވަރަށް ގާތްބަޔަކު ތިބޭ ރަށަކަށެވެ. އެ ރަށަކުން މަރުހަބާ ކިޔާނީ އެރަށެއްގެ ރަހުމަތްތެރިއެކެވެ. އެ ދަތުރުގެ ކެއުމާއި ހުރުމަށް އެއްވެސް ފީއެއް ނެގުމެއްނެތި އެވެ. ނަމަވެސް މިއަދު އެވަނީ އުސޫލު ބަދަލުވެފަ އެވެ. އެފަދަ ދަތުރުތަކުގެ މެހެމާންދާރީ ވިޔަފާރިއަކަށް ބަދަލުވެފަ އެވެ.

"ރަށްރަށުން މަރުހަބާ ކިޔުން އޭގެ އިޖުތިމާއީ މަންފާއަށް ވުރެ މިހާރު މާއްދީ މަންފާއަށް ބަދަލުވެއްޖެ، ވިޔަފާރިއަކަށް ބަދަލުވެއްޖެ. އިޖުތިމާއީ ގުޅުންތެރިކަމަށް ވުރެ ވިޔަފާރީގެ މުއާމަލާތަކަށް މިކަންކަން ވެފައި މިއޮންނަނީ." އައިބަދަލު ހިއްސާ ކުރަމުން އަދަބީ ދާއިރާގައި ހަރަކާތްތެރިވާ އާދަމް ނަސީރު އިބްރާހިމް ވިދާޅުވި އެވެ.
ރަށްރަށަށް އީދަށް ދިއުމަށް ޓަކައި ދުރާލާ ރޭވިގެން އެ ރަށްރަށެއްގައި ކުރިއަށްގެންދަނީ ކޮން ކުޅިވަރުތަކެއްތޯ ބެލުން ވެސް މިއީ ހިނގަމުން އަންނަ ކަމެކެވެ. ހަމައެއާ އެކު ރަށްރަށުން ވެސް އެ ރަށްރަށަށް އީދަށް މީހުން ދިއުމަށް އެ ރަށެއްގެ ކުޅިވަރުތައް މަޝްހޫރުކުރެ އެވެ. އެގޮތުން ތުލުސްދޫ މީހުން އެރަށު ކޯޑިއާއި ތޮއްޑޫ މީހުން އެ ރަށު ބަނޑިޔާ ޖެހުމާއި ކެލާ މީހުން މަލިކު ދަނޑިޖެހުން ފަދަ ކުޅިވަރުތައް މަޝްހޫރުކޮށް އެ ރަށަކަށް މީހުން ގެންދިއުމުގެ ވާދަވެރިކަން ދަމަހައްޓަ އެވެ.
އީދު ބަންދުގައި ކުރިން އަމިއްލަ ރަށަށް ކުރާ ދަތުރު މިހާރު އެހެން ރަށްރަށަށް ކުރާ ސަބަބުތައް ގިނަ އެވެ. ގިނަ ރަށްރަށުގައި އެވަނީ ހިތްހަމަޖެހޭ ފަދަ ވަސީލަތްތައް ގާއިމުކޮށްފަ އެވެ. އޭގެ އެއްކަމަކަށް ގެސްޓް ހައުސްގެ ވިޔަފާރި ހިމެނެ އެވެ. ހަމަ އެހެންމެ ދަތުރުފަތުރު ކުރުން ގިނަވި އަނެއް ސަބަބަކީ ދަތުރުފަތުރުގެ ނިޒާމަށް އައިސްފައިވާ ލުއިފަސޭހަ ކަމެވެ. ބޯޓް ފަހަރާއި ލޯންޗް ފަހަރާއި ފުލައިޓުތަކަށް ވެސް އެވަނީ އީދު ބަންދުގައި ޑިމާންޑް ބޮޑުވެފަ އެވެ.

އައިލެންންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު ވިދާޅުވީ އެ އެއާލައިން އިން ގިނަ މަންޒިލްތަކަކަށް ދުވާލަކު ފަސް ވަރަކަށް ދަތުރުކުރާ އިރު އީދު ބަންދާ ދިމާކޮށް ވަރަށް ބާރުބޮޑު ކަމަށެވެ. ގިނައިން ދަތުރުތައް ކުރަނީ ދިވެހިން ކަމަށް ވެސް ނަޝާތު ވިދާޅުވި އެވެ.
މީގެ ކުރިން އަމިއްލަ ރަށަށް އީދަށް ފެށި ދަތުރު މިއަދު އެވަނީ އެކި މަންޒިލްތަކަށް ބަދަލުކޮށްފަ އެވެ. އީދު ބަންދުގެ އުފާ ވެސް ލިބިގަންނަނީ އެ އުސޫލުގެ މަތިންނެވެ. ހަމައެއާ އެކު ކުރިން ގާތް ރަހުމަތްތެރިކަމުގައި ކިޔަމުން އައި މަރުހަބާ މިއަދު އެވަނީ ވިޔަފާރިއަށް ބަދަލުވެފަ އެވެ. މިއީ ހަމަ ޒަމާނާ އެކު އައި ބަދަލުތަކެވެ.