ޕްރެޒިޑެންޓް ކަޕުގައި މިއަދު އައްޑޫ ސިޓީގައި ކުޅުނު މެޗުގައި ވިކްޓްރީގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔަބު ހޯދައި މާޒިޔާއިން ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗްގެ ފުރަތަމަ ހާފުގައި މާޒިޔާއިން ވަނީ އެޓީމްގެ ފުރަތަމަ ލަނޑު ކަމިޔާބުކޮށްފަ އެވެ. މެޗްގެ 37 ވަނަ މިމެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމްގެ ސްޕެއިންގެ ފޯވަޑް ޕަބެލޯ ރޮޑްރިގޭޒްއެވެ.

މާޒިޔާގެ ދެ ވަނަ ލަނޑު މޫސާ ޔާމީން ކަމިޔާބު ކުރީ މެޗްގެ 75 ވަނަ މިނެޓްގައެވެ.

މެޗްގައި ވިކްޓްރީއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މާޒިޔާގެ ކުޅުންތެރިޔަކަށް ކުރި ފައުލަކާ ގުޅިގެން ވިކްޓްރީގެ ކީޕަރު ޙުސައިން ޠޮލާލްއަށް ރަތް ކާޑް ދެއްކުމުންނެވެ.

މިއަދުގެ މެޗުން މޮޅުވުމުން މާޒިޔާ ސެމީއާ ކައިރިއަށް ޖެހިލިއިރު ސެމީގެ ޖާގަ މުޅިން ކަށަވަރު ވާނީ ގުރޫޕްގެ ފަހު މެޗުންނެވެ.

މި ގުރޫޕްގެ މެޗެއް ދެން އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ. ބައްދަލު ކުރާނީ މާޒިޔާއާ އީގަލްސެވެ.