21 Mar 2011, 17:26
މޯލްޑިވްސް މަނަޓެރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމުން ފަޒީލް ނަޖީބް ވަކި ކުރުމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމުން ޑރ. އަފްރާޝީމް އަލީ ވަކި ކުރުމަށް އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު [ރީކޯ މޫސަ] މިއަދު ވިދާޅުވީ ފަޒީލް ނަޖީބް ވަކި ކުރެއްވުމަށް އެމްޑީޕީން ހުށަހެޅީ ގަވަރުނަރެއްގެ މަގާމް ޒިންމާދާރުކޮށް އަދާނުކޮށް ބައެއް ކަންކަމުގައި އިހުމާލްވެފައިވާތީ ކަމަށެވެ. މޫސަ ވިދާޅުވީ ދިވެހި ފައިސާގެ އަގު ވެއްޓެމުންދާ މައްސަލައިގަ އާއި ޑޮލަރުގެ މައްސަލައިގައި ހަރުދަނާ ފިޔަވަޅުތަކެއް ފަޒީލް ނަޖީބް އަޅުއްވާފައިނުވާ އިރު އެކަންތައް ރަނގަޅު ކުރުމަށް އިހުމާލުވެފައިވާ ކަމަށެވެ.
"ގަވަރުނަރުގެ މަގާމެއް [ފަޒީލް ނަޖީބް] އަދައެއް ނުކުރޭ. ގިނައިން މި އުޅުއްވަނީ ރާއްޖެ އިން ބޭރުގައި ކިޔެވުމަށް. އަޅުގަނޑުމެންގެ ދިވެހި ފައިސާގެ ވެލިއު [އަގު] ވެއްޓެމުން މި ދަނީ. މިކަންކަން އަޅުގަނޑުމެން ބަލަމުންދާތާ ދެ އަހަރެއްހާ ދުވަސް މި ވަނީ،" މޫސަ ވިދާޅުވި އެވެ. "މިކަންކަމާ ފަޒީލް ނަޖީބް ވަނީ އިހުމާލުވެފައި."
ފަޒީލް ނަޖީބް މައްސަލައިގައި މޫސަ އިތުރަށް ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން މިހާތަނަށް އެ މައްސަލައަށް "ވާނުވާ ނޭނގޭ" ކަމަށާއި ބައެއް މައްސަލަތައް މަޖިލީސް ތެރެއިން ނިންމުމުގައި ވެސް އިންސާފެއް ނެތް ކަމަށެވެ.
މޫސަ ވިދާޅުވީ ޖޭއެސްސީގައި މަޖިލިސް ތަމްސީލު ކުރައްވާ މެންބަރު ޑރ. އަފްރާޝީމް ވަކި ކުރުމަށް ހުށަހެޅީ ގާނޫނާ ހިލާފަށް ސިޔާސީ މަގްސަދެއްގައި މުސްތަގިއްލު ކޮމިޝަނެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާތީ ކަމަށެވެ. މޫސަ ވިދާޅުވީ ޖޭއެސްސީއަކީ ފަނޑިޔާރުންނާ ގުޅުން ހުރި މުސްތަގިއްލު ކޮމިޝަނަކަށްވީ ނަމަވެސް ޑރ. އަފްރާޝީމް އެ ކޮމިޝަނުގައި މަސައްކަތް ކުރައްވަމުންދާ ގޮތުން ފަނޑިޔާރުން މިނިވަންކަމާ އެކު މަސައްކަތް ކުރެއްވުމަށް ވެސް ދަތިވެފައިވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ގޮތުން މަސައްކަތް ކުރިޔަސް އެއީ މައްސަލައެއް ނޫން. އެކަމަކު އަދުލް އިންސާފު ގާއިމް ކުރާ ދާއިރާގައި މަޖިލިސް ތަމްސީލު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ހުންނަވާ ސިޔާސީ ގޮތުން މަސައްކަތެއް ނުކުރެވޭނެ. [ޑރ. އަފްރާޝީމް] މަސައްކަތް ކުރާ ގޮތުން ފަނޑިޔާރުންނަށް މިނިވަންކަމާއެކީ މަސައްކަތް ނުކުރެވޭ ދަރަޖައަށް ކަންތައް ގޮސްފައި ވަނީ." މޫސާ ވިދާޅުވި އެވެ.