19 Sep 2015, 19:26
ފެރީގެ ކެޕޭސިޓީއަށް ވުރެ އިތުރަށް މީހުން އަރުވައިގެން ފުރަން އުޅުނު ދެ ފެރީއެއް ގދ. ތިނަދޫއިން ފުލުހުން ހުއްޓުވައި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ތިނަދޫއިން ފުރަން އުޅެނިކޮށް ހިފަހައްޓާފައި ވަނީ އެ އަތޮޅު ނަޑެއްލާ އާއި ހޯޑެއްދޫ ފެރީއެއް ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ނަޑެއްލާގެ ފެރީއަކީ 40 ޖާގައިގެ ފެރީއެއް ކަމަށެވެ. ނަމަވެސް އެ ފެރީ ހިފެހެއްޓިއިރު 100 އެއްހާ މީހުން އެ ފެރީގައި ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.
ހޯޑެއްދޫ ފެރީއަކީ 50 މީހުންގެ ޖާގައިގެ ފެރީއެއް ކަމަށާއި އެ ފެރީގައި 75 މީހުން ފެރީގައި ތިބި ކަމަށް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ފެރީ ދޫކޮށްލާފައި ވަނީ ކެޕޭސިޓީއަށްވުރެ އިތުރުވާ 25 ފަސިންޖަރުން އުޅަނދުން ބޭލުވުމަށްފަހު ކަމަށެވެ.
އޮފިޝަލު ވިދާޅުވީ ދެ ފެރީގައި ކެޕޭސިޓީއަށްވުރެ ގިނައިން ފަސިންޖަރުން ތިބިކަން އެނގިފައި ވަނީ އުޅަނދުގައި ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކޮށްފައިވޭތޯ ބެލުމަށް ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.