އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ އައިހެވަން މަޝްރޫއުގައި ހިމެނޭ ޓްރާންސްޝިޕްމަންޓް ބަނދަރު ތަރައްގީކުރާނެ ސަރަހައްދު ކަނޑައެޅުމުގެ ދިރާސާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް މިއަދު ސަން އަށް ވިދާޅުވީ އައިހެވަންގެ ފީސިބިލިޓީ ސްޓަޑީޒް ކުރިއަށްގެންދާ ބޮސްޓަން ކޮންސަލްޓިން ގްރޫޕުން ދިރާސާތައް ކުރިއަށްގެންގޮސްފައި ވަނީ މިމަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހު ވައިގެ މަގުންނާއި ކަނޑު މަގުން ކަމަށެވެ.

އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ އައިހެވަން މަޝްރުއުގެ ފީސިބިލިޓީ ސްޓަޑީޒް ހަދަނީއެމެރިކާގެ ބޮސްޓަން ކޮންސަލްޓިން ގްރޫޕް(ބީސީޖީ)ގެ ފަރާތުންނެވެ.

"ބީސީޖީ އަކީ މިފަދަ ދިރާސާތައް ކުރާ ދުނިޔޭގެ އެންމެ ފުންނާބުއުސް އެއް ކުންފުނި. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އެ ކުންފުނިން ދިރާސާތައް ކުރިއަށްގެންދަނީ ސަރުކާރުން ހުށަހަޅާފައިވާ މައިގަނޑު ކޮމްޕޯނެންޓްތައް އިހަވަންދިއްޕޮޅުގައި އެންމެ ރަނގަޅަށް ތަރައްގީކުރެވޭނީ ކޮންގޮތަކަށްތޯ ބެލުމަށް،" މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

އެ ދިރާސާގެ ތަފްސީލު ދެއްވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު ވިދާޅުވީ އެސަރަހައްދުގައި ކަނޑުގެ އޮއިވަރާއި ވައި ހުރިގޮތާއި، ފަޅުތައް ވެސް ދިރާސާ ކުރިއިރު ބަލައިހަދާފައިވާ ކަމަށެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ދެއްވި އިންޓަވިއުއެއްގައި ބީސީޖީގެ ފަރާތުން އެސަރަހައްދު ބެލުމަށް ރާއްޖެއައި އެކަމުގެ ތަޖުރިބާކާރެއްކަމަށްވާ ޓިމް ޑެންޓަން ވިދާޅުވެފައި ވަނީ ޓްރާންޝިޕްމަންޓް ބަދަރު އެސަރަހައްދުގައި ތަރައްގީކުރުމަކީ ކުރިން ލަފާކުރިވަރަށްވުރެ މާ ފަސޭހަކަމެއް ކަމަށެވެ.

"މި ސަރަހައްދު [އިހަވަންދިއްޕޮޅު]ގައި ޓްރާންޝިޕްމަންޓް ބަދަރެއް ތަރައްގީކުރުމަކީ ކުރިން ލަފާކުރިވަރަށްވުރެ މާ ފަސޭހަކަމެއް. ސަބަބަކީ އެސަރަހައްދުގެ ފަޅު ތިލަކަމުން،" ޓިމް ޑެންޓަން ވިދާޅުވިއެވެ.

މުހައްމަދު އިސްމާއީލް ވިދާޅުވީޖޯގްރަފީގޮތުން ހޯރަފުށި އޮތް ސަރަހައްދަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ފަޅު އޮތް ސަރަހައްދު ކަމަށެވެ.

"ހޯރަފުށީ ސަރަހައްދަށް ފަންސާސް ހާސް ޓަނުގެ ބޮޑެތި ބޯޓުފަހަރު އެފްރިކާ ސަރަހައްދު ހުރަސްކޮށްފައި އިރުމައްޗަށް ދަތުރު ކުރޭ. އެހެންކަމުން އިހަވަންދިއްޕޮޅަކީ ސެންޓާއެއްގެ ގޮތުގައި ތަރައްގީކޮށްފި ނަމަ، އެ ބޯޓުތައް މަޑުކޮށް މުދާ އަރުވާ ބޭލުމުގެ ލޮކޭޝަނަކަށް އިހަވަންދިއްޕޮޅު ވާނެ. ފާހަގަކޮށްލަންޖެހޭ ކަމަކީ މިކަމުގެ ސަބަބުން އެތައް ޓްރިލިއަން ޑޮލަރެއް ސަރުކާރަށް ވަންނާނެކަން،" މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

އަހަރަކު އެތައްބޯޓެއް އެސަރަހައްދު ހުރަސްކޮށް ދަތުރުކުރުމަކީ ވަރަށް ބޮޑު އާމްދަނީއެއް ލިބޭނެކަމެއްކަމުގައި ވެސް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

ދިރާސާތައް ކުރިއަށްގެންދަން ކުރި ދަތުރުގައި ހައުސިން މިނިސްޓްރީގެ ފަންނީ ބޭފުޅުންނާއި އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް ވެސް ހޯރަފުށީ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

މުހައްމަދު އިސްމާއީލް ވިދާޅުވީ ބޯޓުފަހަރު ބަންނަ ކުންފުނިތަކާއި ބަންކަރިން އާއި ޑޮކިންގެ ޚިދުމަތް ދޭ ކުންފުނިތަކާ ވާހަކަދައްކައިގެން ވަރަށް ތަފްސީލީ ދިރާސާތަކެއް ވެސް އިހަވަންދިއްޕޮޅުގައި ކުރިއަށްގެންދާނެ ކަމަށެވެ.