މައްކަތުލްމުކައްރަމާ (ސެޕްޓެމްބަރު 19): ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި ދުނިޔޭގެ އެކި ގައުމުތަކުން 2.3 މިލިޔަނަށްވުރެ ގިނަ މުސްލިމުން މައްކާގެ މުގައްދަސް ބިންތަކަށް މިހާރު އައިސްފައިވާ ކަމަށާއި ސައޫދީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކަމަށް ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ނާޔިފް ވިދާޅުވެއްޖެއެވެ.

ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ސައޫދީ ސިފައިންގެ ޕެރޭޑެއް ބައްލަވާލެއްވުމަށްފަހު މުހައްމަދު ބިން ނާޔިފް ވިދާޅުވީ ސައޫދީ އަރަބިޔާގައި ހަމަނުޖެހުން އުފެއްދުމަށް ޓެރަރިސްޓް ޖަމާއަތްތަކުން ތިބީ ބަލަބަލައި ކަމަށާއި އެޖަމާއަތްތަކުގެ ފަހަތުގައި އިތުރު ޖަމާއަތްތަކާ ގައުމުތައްވެސް ވާކަމުގައެވެ. ނަމަވެސް ސައޫދީ ސަރުކާރާއި ސަލާމަތީ ބާރުތައްތިބީ އެއްފަރާތަކުން ހިންގަފާނެ އެއްވެސް ހަމަނުޖެހުމެއް ނޫނީ ހަރުކަށި އަަމަލެއް ވަގުތުން ހުއްޓުވޭފަދަ ތައްޔާރީ ހާލަތުގައި ކަމަށާއި ހައްޖުވެރިން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއްނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މުހައްމަދު ބިން ނާޔިފަކީ ސައޫދީ ރަސްކަމުގެ ކޮއިލުގައި ސަލްމާން ރަސްގެފާނު ފިޔަވައި އެންމެ ބާރުގަދަ ދެ އަމީރުންގެ ތެރެއިން އެއް އަމީރެވެ. ދެވަނަ އަމީރަކީ ވަލީއުލްއަހްދުގެ ނައިބު އަދި ދިފާޢީ ވަޒީރު މުހައްމަދު ބިން ސަލްމާން އެވެ. މުހައްމަދު ބިން ސަލްމާނަކީ ސައޫދީ ރަސްގެފާނުގެ ދަރިކަލެކެވެ. މުހައްމަދު ބިން ނާޔިފް އަކީ ސަލްމާން ރަސްގެފާނާ އެއްބަނޑު އެއްބަފާ ބޭބޭފުޅު އަދި އަވަހާރަވެފައިވާ ކުރީގެ ވަލީއުލްއަހްދު މުހައްމަދު ބިން ނާޔިފްގެ ދަރިކަލުންނެވެ. ސައޫދީ ވަލީއުލްއަހްދު ކަމުގެ އިތުުރުން އެގައުމުގެ ދާޚިލީ ވަޒީރުކަމާއި ހައްޖުގެ ކަންތައްތަކާބެހޭ އެންމެ މަތީ ކޮމިޓީގެ ވެރިއަކީ ވެސް މުހައްމަދު ބިން ނާޔިފް އެވެ.

މިފަހަރުގެ ހައްޖު މޫސުމުގައި ހައްޖުގެ އަޅުކަން ފެށުމުގެ ކުރިން މީގެކުރިން ދިމާވެފައިނުވާ ބޮޑު ޙަދިސާއެއް މައްކާގެ ހަރަމްފުޅުގެ ސަރަހައްދަށް ދިމާވެ 111 ހާޖީއަކު މަރުވެ އެތައް ސަތޭކަ ހާޖީއަކުވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ. އެއީ ކެރޭނެއް ވެއްޓުމުގެ ހިތާމަވެރި ހާދިސާއެވެ. މި ހާދިސާގެ ސަބަބުން ހައްޖުވެރިންގެ އަމަނާއި ސަލާމަތަށްޓަކައި އެކުލަވާލާފައިވާ ޕްލޭންތަކަށް އޮޅުން ބޮޅުން ނާރާކަމަށް ވަލީއުލްއަހްދު މުހައްމަދު ބިން ނާޔިފް ވިދާޅުވެފައިވެ އެވެ.

މިހާދިސާގެ ކުރިން މައްކާއަށް ވަނީ ފެންބޮޑުވުމުގެ ހާދިސާއެއްވެސް ކުރިމަތިވެފައެވެ. އަދި އެއަށްފަހު އަލިފާނުގެ ހާދިސާއަކާއި ވެލި ފަރުބަދައެއް ހޮޓަލެއްގެ މައްޗަށް ވެއްޓިގެން ހައްޖުވެރިންގެ ބަޔަކަށް ގެއްލުން ލިބުނު ޙާދިސާއެއް ވެސް ދާދަިފަހުން ހިނގާފައިވެ އެވެ. ފަރުބަދަ ވެއްޓުމުގެ ޙާދިސާ ހިނގީ ފެންބޮޑުވުމުގެ ޙާދިސާއާ ގުޅިގެން ވެއްޔާއި ކިސަޑު ފޭބުމުގެ ސަބަބުން ކަމަށް ސައޫދީ ސަރުކާރުން ބުނެފައިވެ އެވެ.

ހައްޖުގެ އަޅުކަން ފެށުމަށް ސަލާމަތީ ގޮތުންނާއި ސިއްޙީ ގޮތުން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށާ މައްކާގެ ހަރަމްފުޅުގެ ސަރަހައްދާއި އަރަފާތުގެ ބިމާއި އެ ނޫންވެސް ހައްޖުގެ އަޅުކަން ހިނގާ ސަރަހައްދުތަކުގައި އެތަށް ސަތޭކަ ސިއްޙީ މަރުކަޒުތަކަކާއި ގިނަ އަދަދެއްގެ ހޮސްޕިޓަލްތައް ތައްޔާރީ ހާލަތުގައިވާ ކަމަށްވެސް ސައޫދީ ސަރުކާރުން ބުނެއެވެ. (ސައޫދީ މީޑިޔާ)