ތ. ތިމަރަފުށީ އިރުމަތީ ފަރާތުން އުދައަރަމުންދާ ކަމަށް އެ ރަށުން ބުނެފި އެވެ.

އެހެންނަމަވެސް އެކަމާ ގުޅިގެން އެއްވެސް މީހަކަށް ވެސް އަދި އެއްވެސް އެއްޗަކަށް ވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ތިމަރަފުށިން ވާހަކަ ދެއްކި މީހަކު ބުނީ މިއަދު ދިޔަވަރު ބޮޑުވި ވަގުތު ރަށުގެ އިރުމަތީ ފަރާތުން އުދައަރަން ފަށާފައިވާ ކަމަށެވެ. އެގޮތުން އެ ރަށުގައި އެއާޕޯޓު އަޅަން ހިއްކާފައިވާ 1.2 ކިލޯ މީޓަރުގެ ސަރަހައްދުން 40 ފޫޓް އެތެރެ އަށް ރާޅު އަރާފައިވާ ކަމަށެވެ. އަދި މީހުން ދިރިއުޅެން ހިއްކާފައިވާ 150 ފޫޓަށް އެއްކޮށް އުދައަރާފައިވާ ކަމަށެވެ.

ތިމަރަފުށިން ވާހަކަ ދެއްކި މީހާ ބުނީ މިރޭ ވެސް ދިޔަވަރު ބޮޑުވާ ވަގުތުގައި އުދައަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ހަނދު ބޮޑުވެ، ދިޔަވަރަށް އަންނަ ބަދަލާ އެކު ރަށްރަށަށް ރާޅުއަރާ ކަމަށްވެ އެވެ. ނަމަވެސް 18 ވޭތުވެދިޔަ އަށާރަ އަހަރުގެ ތެރޭގައި ދުނިޔެ އާއި އެންމެ ކައިރިން މިދިޔަ ހޮނިހިރު ދުވަހު ހަނދު ބުރު ޖެހިއިރު އެކަމާ ގުޅިގެން ތަފާތު ކަންތައްތައް ކުރިމަތިވާނެ ކަމަށް ވަނީ ވާހަކަ ފެތުރިފަ އެވެ. ނަމަވެސް މެޓް އޮފީހުން ބުނެފައި ވަނީ އެކަމާ ގުޅިގެން ދިޔަވަރު ބޮޑުވުން ފަދަ ކަމެއް ކުރިމަތި ނުވާނެ ކަމަށެވެ.