ގދ. ތިނަދޫގައި އިސްލާމީ މަރުކަޒެއް އެޅުމަށް ބިން ސާފު ކުރުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)އާ ހަވާލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެމަސައްކަތުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު މުސްތަފާ އިބުރާހީމެވެ. އަދި އެމްއާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު އިބުރާހީމް ނަޒީމެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބުރާހީމް އަހުމަދު މިއަދު ސަން އަށް ވިދާޅުވީ އެމަސައްކަތް ދެމިލިޔަން ރުފިޔާގެ އަގަކަށް އެމްއާރްޑީސީއާއި ހަވާލުކުރީ 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.

"އެއީ ވަރަށް އުނދަގޫ މަސައްކަތެއް. އެތަނުގައި ގަބުރު ހުރިތޯ ބަލައި، ހުރެއްޖެ ނަމަ އެކަށިތައް އޯގާތެރިކަމާއި އެކު ނަގައި އެހެން ތަނެއްގައި ވަޅުލައި. އަލުން އެތަނަށް ވެލި އަޅައި އެހުރިހާ ކަމެއް ވެސް ކުރަން ޖެހޭނެ." ޝައިޚު އިބުރާހީމް ވިދާޅުވި އެވެ.