މިދިޔަ ބުދަ ދުވަހުގެ ރޭ ފުވައްމުލަކު ހޯދަޑު އަވަށުގައި ހިންގި މާރާމާރީއާ ގުޅިގެން ރޭ ހަތަރު މީހަކު ހައްޔަރުކޮށް، މިހާތަނަށް ހައްޔަރު ކުރި މީހުންގެ އަދަދު 12 އަށް އަރައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ ފުވައްމުލަކު މާރާމާރިގެ ސަބަބުން މިހާތަނަށް 12 މީހުން ހައްޔަރުކޮށްފައިވާ އިރު އޭގައި 18 އަހަރުން ދަށުގެ ކުއްޖަކު ހިމެނޭ ކަމަށެވެ. އަދި 19 އަހަރުގެ ތިން މީހަކާއި 20 އަހަރުގެ އެކަކާއި 21 އަހަރުގެ ހަތަރު މީހަކާއި 22 އަހަރުގެ ތިން މީހުން ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މާރާމާރީ ހިންގި ރޭ ފުލުހުން ވަނީ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު އިތުރު ތިން މީހަކު ހައްޔަރުކުރުމަށް ފަހު ރޭގައި ވަނީ ހަތަރު މީހުން ހައްޔަރުކޮށްފަ އެވެ.

އޮފިޝަލް ވިދާޅުވީ އެއިން ކޮންމެ މީހެއްގެ ބައްދަށް 15 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.

އެ މާރާމާރީގައި ފަސް މީހަކަށް ވަނީ ޒަހަމްވެފަ އެވެ. އޭގެ ތެރެއިން ސީރިއަސްވި ދެމީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ އިރު އެތަނުން އެކަކު މިއަދު ހަވީރު މާލެއަށް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއީ ބޮލަށާއި ބަނޑަށް ޒަހަމްތަކެއް ލިބުނު ދެމީހުންނެވެ.

ހިތަދޫ ހޮސްޕިޓަލުގެ ޑިރެކްޓަރު އަލީ ޝާހު "ސަން" އަށް ވިދާޅުވީ އެ ދެމީހުންގެ ތެރެއިން ބޮލަށް ޒަހަމްވެފައިވާ މީހާ "ސްޓޭބަލް" ނަމަވެސް އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުން މިއަދު ހަވީރުގެ ވަގުތެއްގައި މާލެއަށް ފޮނުވާލަން ނިންމާފައިވާ ކަމަށެވެ.

ޝާހު ވިދާޅުވީ ބަނޑަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުގައި ކުރި އޮޕަރޭޝަން ކާމިޔާބު ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.