19 Sep 2015, 15:04
(ޕިޝާވަރު،އޭޕީ) ތާލިބާން ހަނގުރާމަވެރިން ޕާކިސްތާނުގެ ވައިގެ ސިފައިންގެ މަރުކަޒަކަށް ހުކުރު ދުވަހު ހަމަލާދީ 29 މީހުން މަރާލައި 29 މީހުން ޒަހަމްކޮށްލައިފި އެވެ.
މަރުވި މީހުންގެ ތެރޭގައި ވައިގެ މަރުކަޒުގައިވާ މިސްކިތެއްގައި ތިބި 16 މީހުން ވެސް ހިމެނެ އެވެ. އެ 16 މީހުން މަރާލާފައި ވަނީ ބަޑިން ހަމަލާދީގެންނެވެ. ޕާކިސްތާނު ސިފައިން ވަނީ އެހަމާލާގެ ތުހުމަތު އަވަށްޓެރި އަފްޣާނިސްތާނުގެ ތާލިބާނުންގެ ބޮލުގައި އަޅުވާފަ އެވެ. ނަމަވެސް އެހަމަލާ ދިނީ ޕާކިސްތާނުގެ ތާލިބާނުން ކަމަށް އެމީހުން ވަނީ ބުނެފަ އެވެ.
ޕާކިސްތާނު ސިފައިންގެ ތަރުޖަމާނު އާސިމް ސަލީމް ބަޖްވާ ވިދާޅުވީ ހަމަލާގައި ބައިވެރިވި 13 ހަނގުރާމަވެރިން ވެސް ޕާކިސްތާނު ސިފައިން ދިން ރައްދު ހަމަލާގައި މަރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ހަނގުރާމަވެރިން ފުރަތަމަ ހަމަލާ ދިނީ ގާޑްރޫމަށް ކަމަށާއި އެއަށް ފަހު އެޑްމިނިސްޓްރޭޓިވް ބްލޮކާ ދިމާލަށް ކުރިއަށްދާން މަސައްކަތް ކުރި ކަމަށެވެ.
އިއްޔެގެ ހަމަލާ ދިން ވަގުތު ވައިގެ ސިފައިންގެ މަރުކަޒުގައި 2000 އަށް ވުރެ ގިނަ މީހުން ތިއްބެވެ.
ޕިޝާވަރުގެ ސްކޫލަކަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތިން ހަމަލާއެއްގައި 150 މީހުން މަރައިލި ހާދިސާއަށް ފަހު ޕާކިސްތާނު ސިފައިން ވަނީ ހަނގުރާމަވެރިންނާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ފަށާފަ އެވެ. އެހެންވެ އިއްޔެގެ ހަމަލާއަކީ ޕާކިސްތާނު ސިފައިންނަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއެކެވެ.