ޔޫރަޕްގެ ގިނަ ޤައުމުތަކެއްގެ އެއާޕޯޓްތައް ބަނދުކުރުމާ ގުޅިގެން މިއަދުވެސް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ބައެއް ޝެޑިއުލް ފްލައިޓްތައް ކެންސަލްކޮށްފިއެވެ.


އަލިފާން ފަރުބަދައެއް ގޮވުމާ ގުޅިގެން ޖައްވުމުގައި އުފެދިފައިވާ ކަޅުދުމުގެ ސަބަބުން ޔޫރަޕްގެ ވިހި ޤައުމެއްގެ އެއާޕޯޓްތަކެއް ވަނީ ބަންދުކޮށްފަ އެވެ. މިކަމާ ގުޅިގެން ޔޫރަޕްމަގުން ޤައުމުތަކަށް ދަތުރުކުރަމަށް ހަމަޖައްސާފައިވާ ގިނަ ފްލައިޓްތަކެއް އިއްޔެ އާއި މިއަދު ވެސް ވަނީ ކެންސަލްކޮށްފަ އެވެ.


އެއާޕޯޓް ކޮންޕެނީގެ ކޯޕަރޭޓް ކޮމިއުނިކޭޝަން މެނޭޖަރ ރަހުމަތުﷲ އަޝްރަފް މިއަދު ވިދާޅުވީ ރާއްޖެއައުމަށް ހަމަޖެހިފައިވާ ހަތަރު އެއާލައިނަކުން މިއަދު މެންދުރާ ހަމައަށް ފްލައިޓްތައް ކެންސަލްކޮށްފައިވާއިރު އިއްޔެ ވެސް ހަ އެއާލައިނަކުން ފްލައިޓްތައް ކެންސަލްކޮށްފައިވާ ކަމަށެވެ. އަޝްރަފް ވިދާޅުވީ މިމައްސަލަ ދިމާވެގެން އުޅެނީ ހަމައެކަނި ޔޫރަޕް މަގުން ދަތުރުކުރާ އެއާލައިންތަކަށް ކަމަށެވެ. އެގޮތުން މިއަދު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ބްރިޓިޝް އެއާވޭސް އާއި ސްރީލަންކަން އެއާވޭސްގެ ދެ ފްލައިޓަކާއި މޮނާކް އަދި ތޯމަސް އެއާވޭސް ކެންސަލްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.


ޔޫރަޕް މަގުން ދަތުރުކުރާ ގިނަ ޕްލައިޓްތައް ކެންސަލްކޮށްފައި ވަނީ އައިސްލެންޑްގެ އަލިފާން ފަރުބަދައެއް ގޮވުމާ ގުޅިގެން ޖައްވުގައި އުފެދިފައިވާ ކަޅުދުމުގެ ސަބަބުން. އެގޮތުން މިހާތަނަށް ޔޫރަޕްގެ ވިހި ޤައުމަކުން 313 އެއާޕޯޓެއް ވަނީ ބަންދުކޮށްފަ އެވެ.


އައިސްލެންޑްގެ އަލިފާން ފަރުބަދައެއް ގޮވުމާ ގުޅިގެން ޖައްވުގައި އުފެދިފައިވާ ކަޅުދުމުގެ ސަބަބުން ހުއްޓިފައިވާ ޔޫރަޕްގެ ވައިގެ ދަތުރުފަތުރުތައް އަލުން ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ޔޫރަޕިއަން ޔޫނިއަން ނުވަތަ އީޔޫއިން ވަނީ ބުނެފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޔޫރަޕްގެ ވައިގެ ގިނަ ދަތުރުތައް ކެންސަލްވަމުންދިޔުމާ ގުޅިގެން ޔޫރަޕްގެ އޭވިއޭޝަން އިންޑަސްޓްރީއަށް ދުވާލެއްގެ މައްޗަށް 200 މިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ.