19 Sep 2015, 13:21
ރެއާލް މެޑްރިޑަށް އެނބުރި ދިއުމުގެ ވިސްނުމެއް އެއްވެސް ވަރަކަށް ނުގެންގުޅޭ ކަމަށް އެޓީމު ދޫކޮށް މިދިޔަ ސީޒަންގައި އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވި ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ ބުނެފި އެވެ.
ރެއާލުން ބޭނުންނަމަ އަންނަ 2015-16 ފުޓްބޯޅަ ސީޒަނަށް 25 މިލިއަން ޕައުންޑަށް ވުރެ ބޮޑު ފީއަކަށް މޮރާޓާ އެޓީމަށް އަނބުރާ ގެނައުމުގެ ފުރުސަތު އޮތް ނަމަވެސް، ޔުވެންޓަސްގައި މޮޅު ކުޅުމެއް ދައްކަމުންދާ 22 އަހަރުގެ ފޯވާޑް ބުނީ، "ރެއާލަށް އެނބުރި ދިއުމުގެ އެއްވެސް ވިސްނުމެއް ނެތް. ޔުވެންޓަސްއަކީ އަހަރެންގެ ޓީމް. މި ކްލަބުގައި އަހަރެން މިހިރީ ވަރަށް އުފަލުން،" ކަމަށެވެ.
"އަހަރެން އެހެން ކްލަބް ތަކާ ދޭތެރެއަކު ނުސްވިން،" މިދިޔަ ސީޒަންގައި 15 ލަނޑު ކާމިޔާބުކޮށްދީ ޔުވެންޓަސް އަށް އިޓަލީ ލީގު ކާމިޔާބުކޮށްދިނުމުގައާއި އެކްލަބް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ހުނަރުވެރި ފޯވާޑު އިޓަލީގެ ސްޕޯޓް މީޑިއާސެޓަށް ބުންޏެވެ.
"މެޑްރިޑުން އަހަންނަށް އެހާ ބޮޑު އަހަންމިއްޔަތުކަމެއް ދޭތީ އަހަރެން އެކަން ފާހަގަކުރަން. އެކަމަކު އަހަރެން މިހާރު މި ބަލަނީ ލަނޑު ޖެހުމަށާއި ޔުވެސްޓަސް މޮޅުކޮށްދިނުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރަން،" ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި މޮރާޓާ ބުނެޏެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ މެންޗެސްޓާ ސިޓީއަތުން 2-1 އިން ޔުވެންޓަސް މޮޅުވި މެޗުގައި އެޓީމު މޮޅުވި ލަނޑު ކާމިޔާބުކޮށްދިނުމަށް ފަހު މޮރާޓާ ބުނެފައި ވަނީ، "ޔުވެންޓަސް އަކީ އަދިވެސް ޔޫރަޕްގެ އެންމެ މޮޅު އެއް ކްލަބް" ކަމަށެވެ.
މިފަހަރުގެ އިޓަލީ ލީގުގައި ޔުވެންޓަސް ކުޅުނު ތިންމެޗުގެ ތެރޭން 2 މެޗުން ބަލިވެ އެއްމެޗުން އެއްވަރުވެފައިވާއިރު އާދީއްތަ ދުވަހު އެޓީމު ލީގުގައި ވާދަކުރާނީ ޖެނޮއާއާ ދެކޮޅަށެވެ.