ހޮލީވުޑްގެ ތަރި ޖެރާޑް ބަޓްލާގެ ފެނިގެންދާ އެންމެ ފަހުގެ ފިލްމު، "ލަންޑަން ހޭސް ފޯލެން" ރިލީޒްކުރަން އޮތް ތާރީހު އަންނަ އަހަރުގެ މާޗަށް ފަސްކޮށްފި އެވެ.

މީގެ ދެ އަހަރު ކުރިން ނެރުނު ފިލްމު، "އޮލިމްޕަސް ހޭސް ފޯލެން"ގެ ދެވަނަ ފިލްމެއްގެ ގޮތުގައި އުފައްދާ "ލަންޑަން ހޭސް ފޯލެން" އަކީ ލަންޑަންގެ ބޮޑުވަޒީރުގެ ޖަނާޒާގައި އެގައުމަށްދޭ ހަމަލާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

އެ ފިލްމު ފުރަތަމަ ރިލީޒްކުރަން ހަމަޖެހިފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީގައި ނަމަވެސް މިހާރު އެ ފިލްމު ރިލީޒްކުރަން ނިންމާފައި ވަނީ އަންނަ އަހަރުގެ މާޗް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

"ލަންޑަން ހޭސް ފޯލެން"ގައި މަޝްހޫރު ފިލްމު، "300"ގައި ލިއަނައިޑިސް ގެ ބައި ކުޅެފައިވާ ބަޓްލާ ފެނިގެންދާނީ އެމެރިކާގެ ސީކްރެޓް ސާވިސް އެޖެންޓެއްގެ ގޮތުގައެވެ.

"އޮލިމްޕަސް ހޭސް ފޯލެން" ވެސް ޑައިރެކްޓްކޮށްފައިވާ ސުވިޑަންގެ ޑައިރެކްޓަރު ބާބަކް ނަޖާފީ ޑައިރެކްޓްކުރާ އެ ފިލްމުގައި ބަޓްލާ އާ އެކު މޯގަން ފްރީމޭން އާއި އޭރަން އެކްހާޓް ފެނިގެންދާނެ އެވެ.