އިނގިރޭސި ޕްރިމިއަ ލީގުގައި މިއަދު ހަވީރު ޗެލްސީއާއި އާސެނަލް ކުރިމަތިލާއިރު ހޯޒޭ މޮރީނިއޯގެ ޓީމާ ދެކޮޅަށް އާސެން ވެންގާ ބޭނުން ކުރާނެ އެންމެ ބާރުގަދަ ހަތިޔާރަކީ ޗެލްސީގެ ކުރީގެ ގޯލް ކީޕަރު ޕެޓަރ ޗެކް ކަމަށް ވެންގާ ބުނެފި އެވެ.

އުމުރުން 33 އަހަރުގެ ޗެކްރިޕަބްލިކް ގޯލް ކީޕަރު 10 މިލިއަން ޕައުންޑަށް މިފަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި އާސެނަލަަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ، ޗެލްސީގައި 10 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައެވެ. އެގޮތުން ޗެލްސީގެ ބޮޑެތި ކާމިޔާބީތަކުގައި ޗެކްގެ ހިއްސާ ވަރަށް ބޮޑެވެ.

ޗެލްސީއާއި އާސެނަލްގެ ފަހުގެ ކުރިމަތިލުންތަކުގައި އާސެނަލަށް ޗެލްސީގެ މައްޗަށް ރަނގަޅު ކާމިޔާބީތަކެއް ހޯދިފައި ނުވި ނަމަވެސް، އެންމެ ފަހުން މި ދެޓީމް ބައްދަލުކުރި އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި އާސެނަލް ވަނީ އެޓީމުގެ ގޯލްގައި ޗެކް ބަހައްޓައިގެން ލީގުޗެމްޕިއަންގެ މައްޗަށް ކާމިޔާބު ހޯދައިފައެވެ. އެހެންކަމުން ވެންގާ ދެކޭގޮތުގައި މިއަދު ހަވީރުވެސް އޭނާގެ ޓީމަށް އެންމެ މުހިއްމު ދައުރެއް އަދާކޮށްދޭނޭ ކުޅުންތެރިއަކީ ޗެލްސީގެ ކުރީގެ ގޯލް ކީޕަރު ޗެކްއެވެ.

"އޭނަ ބަލަހައްޓާ ގޯލަކަށް ލަނޑެއް ވައްދައިލުމަކީ ފަސޭހަކަމެއް ނޫންކަން އެންމެނަށް ވެސް އެނގޭ،" ޗެކްގެ ހުނަރާ ދޭތެރޭގައި އޮތް ޔަގީންކަން ހާމަކުރަމުން ވެންގާ ބުންޏެވެ.

ވެންގާ ބުނ،ީ ދަނޑަށް ވަދެތިބޭ ސަޕޯޓަރުންނާއި ވަށައިގެންވާ މާހައުލުގެ ނުފޫޒު، މި މެޗުގައި ޗެކްގެ ވިސްނުމަށް އެއްގޮތަކަށް ވެސް ފޯރުވިޔަ ދީގެން ނުވާނެ ކަމަށާއި "އަނެއްކާ އަހަންނަށް މިހުރެވެނީ ރަނގަޅު ގޯލްގައިތޯ ނުވަތަ ނޫންތޯ" މިފަދަ ހާލަތަކަށް ޗެކް ވެއްޓިގެން ނުވާނޭ ކަމަށެވެ.

"އެއީ ވަރަށް އުނދަގޫ ކަމެއް ކުރިން އެމީހަކު ކުޅުނު ކްލަބްގެ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅުން. އެކަމަކު ޗެކް ވަނީ އޭނާއަށް އެއީ މައްސަލައެއް ނޫންކަން ސާބިތުކޮށްދީފައި. އެހެންވެ އަހަރެން ކޮމިއުނިޓީ ޝީލްޑްގައި އޭނަ ބޭނުންކުރީވެސް. އެކަމުގައި އެޅި މުހިއްމު ފުރަތަމަ ފިޔަވަޅު އެއީ. އޭނާ ވަނީ އެކަން ކާމިޔާބުކޮށްފައި،" ކޮމިއުނިޓީ ޝީލްޑް މެޗުގައި ޗެލްސީއާ ދެކޮޅަށް ޗެކް ދެއްކި މޮޅު ކުޅުން ފާހަގަކުރަމުން ވެންގާ ބުންޏެވެ.

ޗެލްސީއާ ދެކޮޅަށް ވެންގާގެ އާސެނަލް އެންމެ ފަހުން ކުޅުނު 29 މެޗުގެ ތެރޭން އެޓީމަށް މޮޅުވެވިފައި ވަނީ އެންމެ ހަތަރު މެޗުންނެވެ. އެހެން ނަމަވެސް އުމުރުން 65 އަހަރުގެ އާސެނަލް ކޯޗް ގަބޫލުކުރާ ގޮތުގައި މިހާރު އޭނާގެ ޓީމަކީ ހުރިހާ ގޮތަކުންވެސް ޗެލްސީއާ ދެކޮޅަށް ކުޅުމުގެ ހުނަރާއި ގާބިލްކަން ހުރި ޓީމެކެވެ.

"މިއީ އަހަރެމެންނަށް ބޮޑު މެޗެއް އަދި އަހަރެމެންނަށް އެނގޭ ލީގު ނިމޭއިރު އަހަރެމެން އޮންނާނޭ ހިސާބެއް އެނގޭނީ ބޮޑެތި މެޗުތަކުން ނެރޭ ނަތީޖާ ތަކުންކަން،" ވެންގާ ބުންޏެވެ. "އަހަރެން އުންމީދުކުރަން އަހަރެމެންގެ ޑިފެންސް މިހާރު ވަރަށް ވަރުގަދަވާނޭ ކަމަށް."

މިއަދުގެ މެޗަށް ނުކުންނައިރު ޕްރިމިއަ ލީގު ތާވަލްގައި އާސެނަލް އޮތީ ފަސް މެޗުން 10 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. އަދި ޗެލްސީ އޮތީ ފަސް މެޗުން 4 ޕޮއިންޓާއެކު ލީގުގެ 17 ވަނައިގައެވެ. އެހެން ނަމަވެސް ވެންގާ ބުނީ މިއަދުގެ މެޗަށް ނުކުންނައިރު ލީގުގައި ޗެލްސީ އޮތީ ކޮންހިސާބެއްގައިތޯ ބަލަން އޭނާ ބޭނުން ނުވާ ކަމަށެވެ.

އިނގިރޭސި ލީގުގެ އެންމެ ވާދަވެރި ދެކޯޗުން: ހޯޒޭ މޮރީނިއޯ (ކ) އަދި އާސެން ވެންގާ (ވ). ދެ ކޯޗުންގެ ވާދަވެރިކަން މިއަދު އަނެއްކާވެސް ފެނިގެންދާނެ -- ފޮޓޯ: ދަ ގާޑިއަން

ޕްރިމިއަ ލީގުގައި މިހާރު ތިބި އެންމެ ތަޖްރިބާކާރު އަދި އެންމެ ވާދަވެރި މި ދެކޯޗުންގެ ކުރިމަތިލުމަށް ބަލާއިރު، ކޮމިއުނިޓީ ޝީލްޑްގައި އާސެނަލް އަތުން ޗެލްސީ ބަލިވި މެޗުގެ ކުރިން، މި ދެ ކޯޗުންގެ 13 ކުރިމަތިލުން ދިޔައިރު ވެންގާއަށް މޮރީނިއޯގެ މައްޗަށް ކާމިޔާބު ހޯދިފައެއް ނުވެއެވެ.

"އަހަރެންގެ ވިސްނުން ހުރީ، އަހަރެމެންގެ ފުލް ޕަވަ މިމެޗުގައި ބޭނުންކޮށްގެން ރަނގަޅު ކުޅުމެއް ދައްކަން،" ވެންގާ ބުންޏެވެ.

މިދިޔަ ސީޒަންގެ ޕްރިމިއަ ލީގުގައި މިދެޓީމު އާސެނަލްގެ ދަނޑުގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މެޗު 2-0 އިން ކާމިޔާބުކުރީ ޗެލްސީ އެވެ.

އިނގިރޭސި ލީގުގައި ޗެލްސީއާ އާސެނަލް ސްޓެމްފޯޑް ބްރިޖްގައި ވާދަކުރާ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖޭ ގަޑިން 4:45ގައެވެ.

ޗެލްސީގެ ލަފާކުރެވޭ ފުރަތަމަ 11: ބެގޮވިޗް (ގޯލް ކީޕަރު)، ޓެރީ، ޒޫމާ، އިވަނޯވިޗް، އަޒްޕިލިކުއެޓާ، މަޓިޗް، ފަބްރިގާސް، ރެމިރޭސް، އޮސްކާ، ހަޒާޑް، ކޮސްޓާ.

އާސެނަލްގެ ލަފާކުރެވޭ ފުރަތަމަ 11: ޗެކް (ގޯލް ކީޕަރު)، ގަބްރިއެލް، ކޮސިލްނީ، ބެލެރިން، މޮންރިއަލް، ކަޒޯލާ، ކޮކުއެލިން، ސަންޗޭޒް، އޮޒިލް، ރަމްސީ، ވޮލްކަޓް.