21 Mar 2011, 15:37
ޓެކްސް ދައްކާ ފަރާތްތަކަށް ކޮންމެހެން އެނގެން ޖެހޭ މައުލޫމާތުތަކާ އެކު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އާ ވެބްސައިޓް ތައާރަފުކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ ލޯންޗް ކުރި އައު ވެބްސައިޓުގެ އެޑްރެހަކީ ކުރީގެ ވެސް އެޑްރެސް "މީރާ ޑޮޓް ގަވް ޑޮޓް އެމްވީ" އެވެ. އެ އޮތޯރިޓީގެ މުވައްޒިފަކު ފަރުމާކުރި އެ ވެބްސައިޓުން ޓޫރިސްޓް ހިދުމަތްދޭ ތަންތަނުންނާއި އެ ތަންތަނުން ވިއްކާ ތަކެތިން ނަގާ ޓެކްސް، ޓީޖީއެސްޓީ، އާއި ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކުހާ ބެހޭ މައުލޫމާތު ހިމެނޭ ހާއްސަ ސެކްޝަނެއް ހިމަނާފައިވެ އެވެ. އެގޮތުން ވެބްސައިޓުގެ ފުރަތަމަ ސޮފުހާ އިން ޓެކްސް ދައްކަން ޖެހޭ ދުވަސްތައް އަޕްޓްޑޭޓް ވަމުން އަންނާނެ ކަމަށް ވެސް މީރާ އިން މިއަދު ބުންޏެވެ.
އަލަށް އިފްތިތާހު ކުރި ވެބް ސައިޓުގެ ސަބަބުން މީރާ އިން ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެން އަންނާނެ ކަމަށް ވެސް މީރާ އިން ބުންޏެވެ.
އަންނަ މަހުން ފެށިގެން މީގެ ކުރިން އެމްއެމްއަށް ދައްކަމުން އައި ޓެކްސް ފައިސާ ބަލައިގަންނާނީ މީރާ އިންނެވެ.