އެޝިއާގެ ހުރިހާ ގައުމުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ "ހޮޓެލް އޭޝިއާ ކަލިނަރީ އެގްޒިބިޝަން 2015" 150 އަށް ވުރެ ގިނަ ސްޓޯލާ އެކު ދަރުބާރުގޭގައި މިއަދު ފަށައިފި އެވެ.

ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ އެގްޒިބިޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.

މޯލްޑިވްސް އެގްޒިބިޝަންގެ ޑިރެކްޓަރު އަހުމަދު ޖާމިޒް ވިދާޅުވީ، ހޮޓެލް އޭޝިއާ ކަލިނަރީ އެގްޒިބިޝަންގެ ތެރެއިން ކުރިއަށްގެންދާ ކަލިނަރީ ޗެލެންޖުގައި ރާއްޖޭގެ އެކިއެކި ރިސޯޓުތަކުންނާއި އޭޝިއާގެ އެކި ގައުމުތަކުން ޖުމްލަ 400 އަށް ވުރެ ގިނަ ކައްކާއިން ބައިވެރިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެގްޒިބިޝަންގައި 150 އަށް ވުރެ ގިނަ ސްޓޯލް ހިމެނޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް ނުވަތަ އޭޝިއާ ސަރަހައްދުގައި ހޮޓެލް ކަންތައްތަކުގައި ބޮޑަށް ބައިވެރިވާ ފަރާތްތަކުން އެމީހުންގެ އުފެއްދުންތައް ދައްކާލާނެ ކަމަށެވެ.

އެގްޒިބިޝަން ކުރިއަށްދާ އިރު އެތަނުގެ ސްޓޯލްތަކުން ބައެއް ކާތަކެތި ރަހަބަލާލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

ކަލިނަރީ އެގްޒިބިޝަން ހަތަރު ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާނެ އެވެ.