އަންނަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު ތައާރަފްކުރާ 'ރަންދިހަ ފަހެއް' ސީރީޒްގެ ބައެއް ނޫޓްތައް ޗާޕްކޮށްގެން ރާއްޖެ އަށް ގެނެސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރަންދިހަފަހެއް ނޫޓް ސީރީޒްގެ ބައެއް ނޫޓްތައް ޗާޕްކޮށްގެން ބުރާސްފަތި ދުވަހު ރާއްޖެ އަށް ގެނެސް ދައުލަތުގެ ހަޒާނާގައި ރައްކާކޮށްފައިވާ ކަމަށެވެ.

އާނޫޓްތައް ޑިޒައިން ކުރީ އާއްމުންނަށް ހުޅުވާލައިގެންނެވެ. އެނޫޓްތައް އަންނަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު ތައާރަފް ކުރި ނަމަވެސް ބޭނުންކުރަން ފަށާނީ އަންނަ ޑިސެމްބަރު މަހު އެވެ.

މިދިޔަ ހަފުތާގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް ވިދާޅުވީ އެއީ އެންމެ ޒަމާނީ، ސަލާމަތީ ސިފަތައް ބޭނުންކޮށްގެން، ޕޮލިމާގައި ޗާޕްކޮށްގެން ނެރޭ ނޫޓްތަކެއް ކަމަށެވެ. ޕޮލިމާގައި ފައިސާ ޗާޕްކުރުމުން އެ ފައިސާ ނަކަލުކޮށްގެން ވިއްކުމަކީ ނުކުރެވޭނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އާ ނޫޓާއި ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ދަތުރުކުރުމަށް ވެސް އެމްއެމްއޭ އިން ވަނީ ނިންމައިފަ އެވެ.

އާ ނޫޓް ސީރީޒްގައި 10، 20، 50، 100، 500 އަދި 1000 ގެ ނޫޓު ހިމެނެ އެވެ.