19 Sep 2015, 10:26
އިންޑިއާ (ސެޕްޓެމްބަރު 19) -- ތާޖުމަހަލްގެ ސިޑިއެއް މަތީގައި ސެލްފީ ނަގަން އުޅުނު ޖަޕާން މީހަކު ކައްސާލައިގެން ވެއްޓި އިއްޔެ މަރުވެއްޖެ އެވެ.
ބީބީސީ އިން ރޭ ބުނީ އެ މީހާ ކައްސާލައިގެން ވެއްޓުނީ ތާޖު މަހަލްގެ ރޯޔަލް ގޭޓްގެ ސިޑިއެއް މަތީން ކަމަށެވެ.
ފުލުހުން ބުނީ އެ މީހާ ވެއްޓުނު ގޮތަށް ހޭ ނެތުނު ކަމަށާއި މަރުވީ ބޮލަށް ލިބިފައިވާ ޒަހަމުތަކާ ގުޅިގެން ކަމަށެވެ.
ތާޖު މަހަލަކީ މޫގަލް ރަސްގެފާނު، ޝާހު ޖަހާންގެ އަނބިކަނބަލުން އަވަހާރަވުމުން، އެ ކަމަނާގެ ހަނދާނުގައި 17 ވަނަ ގަރުނުގައި އިމާރާތް ކުރި ތަނެކެވެ. އިންޑިއާގެ އާގަރާގައި ހުންނަ ތާޖު މަހަލް ބަލަން ދުވާލަކު 12،000 މީހުން ޒިޔާރަތް ކުރާ ކަމަށް ބީބީސީ އިން ބުންޏެވެ.
ނޫސްތަކުން ބުނީ 66 އަހަރުގެ އެ މީހާ ވެއްޓުނު އިރު އޭނާ އާ އެކު އިންޑިއާގެ ގައިޑަކާ އެކު ތިން މީހުން ތިބި ކަމަށެވެ. އަދި މަރުވި މީހާގެ އިތުރަށް، އޭނާ އާ އެކު ހުރި އަނެއް މީހާ ވެސް ވެއްޓި އޭނާގެ ފައި ރެނދުލާފައިވާ ކަމަށް ބީބީސީ އިން ބުންޏެވެ.
އެ މައްސަލަ އިންޑިއާގައި ހުންނަ ޖަޕާން އެމްބަސީ އިން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ސެލްފީ ނެގުމުގައި އެތައް ބަޔަކު އަންނަނީ މަރުވަމުންނެވެ.
މި އަހަރުގެ ކުރީ ކޮޅު ޜަޝިޔާ ސަރުކާރުން ވަނީ ހޭލުންތެރިކުރުމުގެ ކެމްޕޭނެއް ވެސް ފައްޓައިފަ އެވެ. އަދި އެ ކެމްޕޭންގައި ޒުވާނުންނަށް އިރުޝާދު ދެނީ ނުރައްކާތެރި ތަންތަނުގައި ސެލްފީ ނަގާ އިރު ދެ ވަނަ ފަހަރަށް ވިސްނުމަށެވެ.