21 Mar 2011, 14:28
އެމްޑީޕީ އަކީ މިއަދު ގައުމުގައި އޮތް ސަރުކާރު ހިންގާ ޕާޓީ ކަމަށް ވިޔަސް ރޫލިން ޕާޓީއެއްގައި ހުންނަން ޖެހޭ އާރާއި ބާރު ނެތް ކަން އެމްޑީޕީގެ މެމްބަރުންނަށް އިހްސާސް ކުރެވޭ ކަމަށް އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރައްވާ ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ [ޑީޑީ] ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އިންތިޚާބުގައި އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ޑރ. ޑީޑީ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ލީޑަޝިޕަށް ކުރިމަތިލި މައިގަނޑު ސަބަބަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ފުރިހަމަ ކާމިޔާބީއެއް ފަހި ކުރެވޭނީ ޕާޓީގެ ލީޑަޝިޕްގެ ސިޔާސީ ހަރަކާތްތައް މިހާރަށް ވުރެ އިތުރު ކުރެވިގެން ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ. އަދި ޕާޓީގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ވަގުތު ދެވި، ވެރިކަން ކުރާ ޕާޓީއެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ އެތައް ކަމެއް ނުކުރެވިގެން ދާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޑރ.ޑީޑީ ވިދާޅުވީ މިހާރު ޕާޓީގެ ލީޑަޝިޕްގައި އުޅުއްވާ ބައެއް ބޭފުޅުންނަށް ހަފުތާ އަކު އެއް ފަހަރު ވެސް ޕާޓީގެ އޮފީހަށް ވަޑައިނުގެންނެވޭ ކަމަށެވެ.
ސަރުކާރު ހިންގާ އެމްޑީޕީގެ ލީޑަޝިޕަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ޑރ.ޑީޑީ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށް، ކާމިޔާބު ހޯދި ފަރާތްތަކަށް ޕާޓީގެ ފަރާތުން މަރުހަބާ ކިޔާފައި ނުވާ އިރު، ކައުންސިލަރުންނަށް ދޭން ޖެހޭ ފުރިހަމަ ތަމްރީނު ޕްރޮގްރާމްތައް ފޯރުކޮށްދެވޭނެ ހައިސިއްޔަތު ހުންނަން ޖެހޭ އިރު އަދާލަތު ޕާޓީ އަށް ވީ ވަރު ވެސް ނުވެދާ ކަމަށެވެ.
"އަދާލަތު ޕާޓީން ވެސް އެ ޕާޓީ އަށް ނިސްބަތްވާ ގޮތަށް ހޮވުނު ފަނަރަވަރަކަށް މެމްބަރުން މާލެ ގެނެސް ޓްރެއިނިން ޕްރޮގްރާމްތަކެއް ހިންގާފައިވޭ. އެހެންނަމަވެސް އަޅުގަނޑުމެންގެ ޕާޓީން އިލެކްޓިވް މެމްބަރުންގެ ޝަކުވާ އަކީ ޕާޓީގެ ޓިކެޓްގައި އިލެކްޓް ވީމަ ވެސް ލީޑަޝިޕުން ފޯނުކޮށްފައި މަރުހަބާ ވެސް ވިދާޅުވެފައި އެއްނެތޭ،" ޑރ.ޑީޑީ ވިދާޅުވި އެވެ.
ޑރ.ޑީޑީ ވިދާޅުވީ ވެރިކަން ކުރާ ޕާޓީގެ ހައިސިއްޔަތުން ކުރަން ޖެހޭ އެތައް ކަމެއް ނުކުރެވިދާއިރު އެކަން ކުރެވޭނީ ޕާޓީގެ ލީޑަޝިޕަށް ވުގުތު ދެވޭ މުސްތަގިއްލު މީހަކަށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި މިއަދު ފެންނަ މަންޒަރަކީ ރައްޔިތު މީހާ ޚިދުމަތެއް ނުލިބި، މާޔޫސްވެ، އުއްމީދުކޮށްގެން ހުރި ފަރާތުގެ ލީޑަޝިޕްގެ ހަރުދަނާ ކަމެއް ނެތި ވަގުތު ނުދެވިގެން ދާ މަންޒަރު ކަމަށެވެ. އަދި އެފަދަ ވަގުތުތަކެއް ނުދެއްވޭތީ މެމްބަރުން ތިބެން ޖެހެނީ ވަރަށް ބޮޑަށް މާޔޫސް ވެފައި ކަމަށް ވެސް ޑރ.ޑީޑީ ވިދާޅުވި އެވެ.
"އަޅުގަނޑުގެމެންގެ ޕާޓީން ކަނޑައެޅި މެނިފެސްޓޯއެއް ތަންފީޒު ކުރަމުންދާ އިރު އެ މެނިފެސްޓޯ ތަންފީޒު ކުރެވޭ ނުކުރެވޭ މިންވަރު ޕާޓީގެ ލީޑާޝިޕްގެ ތެރެއިން ބަލާ ލެވޭނެ އިންތިޒާމެއް ނެތް ކަމަށްވަންޏާ އިލެކްޝަނަކާ ކުރިމަތިކުރާ އިރު އަޅުގަނޑުމެން ޕާޓީތަކުގެ މެމްބަރުން ނުވަތަ ކުރިމަތިލާ ފައިވާ ދާއިރާތަކުގެ އިސްވެރިންނާއި ރައްޔިތުންނަށް ވިއްކާނެ އެއްޗެއް ނޯންނާނެ." ޑރ.ޑީޑީ ވިދާޅުވި އެވެ.
ޑރ.ޑީޑީ ސިޔާސީ ދާއިރާ އަށް ނެރުއްވީ އިބްރާހިމް ޒަކީ ކަމަށް ޒަކީ ވިދާޅުވެފައި ވާތީ އެކަމަށް ރައްދު ދެއްވައި ޑރ.ޑީޑީ ވިދާޅުވީ އެއީ އެ މަނިކުފާނު ހެއްދެވި އިތުރުފުޅެއް ކަމަށެވެ. އަދި އެމްޑީޕީ އަށް ޑރ.ޑީޑީ ސޮއިކުރެއްވި އިރު ޒަކީ އޭރު އެ ޕާޓީ އަށް ސޮއި ވެސް ނުކުރައްވާ ކަމަށެވެ.