19 Sep 2015, 09:53
އދ. މަޖިލިސް (ސެޕްޓެމްބަރު 19) : ނައިޖީރިޔާގައި ޓެރަރިޒަމްގެ ހަރަކާތްތަކެއް ހިންގަމުން ގެންދާ ބޯކޯ ހަރާމް ޖަމާއަތުގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުން އެތައް މިލިޔަން ބަޔަކު އެގައުމުގެ ރައްކާތެރި ހިސާބުތަކަށާއި އަވަށްޓެރި ގައުމުތަކަށް ރެފިއުޖީންގެ ގޮތުގައި ހިޖްރަކޮށްފައިވާ އިރު މީގެ ތެރޭގައި 1.4 މިލިޔަން ކުޑަކުދިން ހިމެނޭ ކަމަށް އދ. އިން ބުނެފި އެވެ.
ކުޑަކުދިންނާ ބެހޭ އދ.ގެ ޖަމްޢިއްޔާ ޔުނިސެފް އިން ބުނީ ބޯކޯ ހަރާމްގެ ހަނގުރާމަވެރިން ދެކެ ނައިޖީރިޔާގެ ކުޑަކުދިން އާދަޔާ ޚިލާފަށް ބިރުގަންނަނީ އެ ޖަމާއަތުގެ ހަނގުރާމަވެރިންނަކީ ކުޑަކުދިން ވަގަށްނަގައި ކުޑަކުދިން އަޅުންގެ ގޮތުގައި ވިއްކައި އަދި އަންހެންކުދިން ބޮޑުނުވަނީސް ގަދަބާރުން އެކުދިންނާ ކައިވެނިކުރުމުގެ ނަމުގައި އިޢްފަތްތެރިކަން ފޭރިގަންނަ ބަޔަކަށްވާތީ އެވެ.
ބޯކޯ ހަރާމް ޖަމާއަތަކީ ވެސް އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވަމުންދާ އައިއެސް ޖަމާއަތެކޭ އެއްގޮތަށް ގޮތްނޭނގޭ ފަރާތްތަކަކުން އަސްކަރީ އަދި މާލީ އެހީތައް ލިބޭ ޓެރަރިސްޓް ޖަމާއަތަކަށްވާތީ އެޖަމާއަތް ބަލިކޮށްލުމުގައި ނައިޖީރިޔާ ސިފައިން ވަނީ ނާކާމިޔާބުވެފަ އެވެ.
ބޯކޯ ހަރާމް ޖަމާއަތުގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުން ގެދޮރުދޫކޮށް ރެފިއުޖީންގެ ގޮތުގައި އެގައުމުގެ އަވަށްޓެރި ކެމެރޫން، ޗާޑް އަދި ނައިޖަރު އަށް ވެސް ތިންލައްކައެއްހާ ކުޑަކުދިން ހިޖްރަކޮށްފައިވާއިރު އެކުދިން އުޅެންޖެހިފައި ވަނީ ހިޔާވަހިކަމާއި ބޭސްފަރުވާއާއި ސާފުބޯފެނާއި ފާޚާނާގެ ނިޒާމާއި ތައްލީމުން މަހްރޫމްވެ މަގުމަތީގަ އެވެ. އދ. އާއި އެހެން ބައެއް ޖަމާއަތްތަކުން އެކުދިންނަށް ކޮންމެވެސް ވަރަކަށް ކާބޯތަކެތި ފޯރުކޮށްދިން ކަމަށްވިޔަސް އޭގެގެތެރެއިން ގިނަ ކުދިން ކާޑުބަލީގެ ޝިކާރައަކަށް ވެފައިވެ އެވެ.
ޔުނިސެފުންބުނީ ބޯކޯ ހަރާމް ޖަމާއަތުގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުން ގެދޮރުދޫކޮށް ރެފިއުޖީންގެ ގޮތުގައި ނަިއޖީރިޔާގެ ރައްކާތެރި ސަރަހައްދުތަކަށް ހިޖްރަކޮށްފައިވާ މިލިޔަނެއްހާ ކުޑަކުދިންގެ ހާލަތަކީ ވެސް މިއީ ކަމަށާ މިހުރިހާ ކުޑަކުދިންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މިއަހަރު ތެރޭގައި އިތުރު 50 މިލިޔަން ޑޮލަރު ބޭނުންވާ ކަމުގައެވެ. ބޯކޯ ހަރާމް ޖަމާއަތަކީ ނައިޖީރިޔާގެ ތާރީޚުގައި ވެސް އުފެދުނު އެންމެ އަނިޔާވެރި އަދި ރަހުމުނެތް އަދި ކުޑަކުދިންނަށް އެންމެ ބިރުވެރި ޖަމާއަތް ކަމަށް އެގައުމުން ބުނެ އެވެ.
އެޖަމާއަތުން ހިންގާ ތަންތަނުގައި ސްކޫލްތަކާއި ގެދޮރުގައި ހުޅުޖެހުމާއި މަގުފޭރުމާއި ކުޑަކުދިން ވަގަށް ނެގުމާއި އެކުދިން އަޅުންގެ ގޮތުގައި ވިއްކައި ވިޔަފާރި ކުރުން ފަދަ ބޮޑެތި ޖަރީމާތަކުގައި ނަިއޖީރިޔާގެ ލައްކައަކަށްވުރެ ގިނަމީހުން މަރުވެ އެތަށް ސަތޭކަ ވިލެޖެއްވަނީ ފަނާވެ ވީރަނާވެގެން ގޮސްފައެވެ. އަދި އެތަށް އާއިލާއެއް ވަނީ އެއްކޮށް ނެތިގޮސް އެތަށް ހާސް ލައްކަ ކުޑަކުދިންނެއްވަނީ ޔަތީމް ވެފައެވެ. (ނޫސްއެޖެންސީތައް)