އިނގިރޭސި ޕްރިމިއާލީގުގައި މިއަދު ހަވީރު ޗެލްސީއާ ދެކޮޅަށް އާސެނަލް ނިކުންނަ އިރު ދައްކާނެ ބަހަނާއެއް ނެތް ކަމަށް އާސެނަލް ގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

މިއަދުގެ މެޗަށް ދެ ޓީމް ނިކުންނަ އިރު ދެ ޓީމުގެ ކޯޗުންގެ ވާހަކަ ވެސް ތަފާތެވެ.

ޓޭބަލްގެ ހަތަރު ވަނާގައި އޮތް އާސެނަލްގެ ކޯޗު ވެންގާ ބުނީ ހުރިހާ ވެސް ޕްރެޝަރެއް އޮތީ ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ އަށްކަމަށާއި އެކަމާ މޮރީނިއޯ ކުރިމަތިލާން ވެސް ޖެހޭނެ ކަމަށެވެ.

އެހެން ނަމަވެސް ޗެލްސީގެ ކޯޗު މޮރީނިއޯ މިފަހަރު ވެސް ވެންގާ ސިފަކުރަނީ ފެއިލިޔާއެއްގެ ގޮތަށެވެ.

"ސީޒަން ނިމޭ އިރު އަހަރެމެންގެ މަގާމް ޑިޕެންޑް ވާނީ ބޮޑެތި ޓީމްތަކާ ދެކޮޅަށް ކުޅެ ނެރޭ ނަތީޖާއަކުން،" މޮރީނިއޯ ބުންޏެވެ.

ސީޒަނުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ޗެލްސީއަށް ހިންހަމަޖެހުމެއް ލިބެނީ އެންމެ ފަހުން އެޓީމް ޗެމްޕިއަންސް ލީގުގައި މިދިޔަ ބުދަ ދުވަހުގެ ރޭ މެކަބީ ޓެލް އަވީވްއާ ދެކޮޅަށް ކުޅުނު މެޗު 0-4 ގެ ނަތީޖާއަކުން މޮޅުވެފައިވުމުންނެވެ.

"އަހަރެން ނުބަލަން ޗެލްސީ އޮތީ ކިތައް ވަނާގައިތޯއެއް މި މެޗުއިން ރަނގަޅު ނަތީޖާއެއް ނެރެވޭތޯ މަސަތްކަތް ކުރާނީ،" މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯ ބުންޏެވެ.