18 Sep 2015, 23:55
މި ދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން ރޭގަނޑު ދަތުރު ކުރާއިރު އިތުރަށް ސަމާލުވުމަށް ގައުމީ ދިފާއީ ބާރުން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފްގެ ރަސްމީ ވެބްސައިޓުގައި މިރޭ ބުނެފައި ވަނީ މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުތައް ކުރެއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ދަތުރު ފެށުމުގެ ކުރިން މޫސުމަށް ބައްލަވައި، ރައްކާތެރި މަގެއް ޙިޔާރުކުރައްވައިގެން ދަތުރު ކުރެއްވުމަށް ސިފައިން ވަނީ އެދިފަ އެވެ.
މޯލްޑިވްސް މީޓްރިއޮލޮޖިކަލް ސާވިސްއިން ބުނީ މި ދުވަސްކޮޅު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ވައިގަދަވެ، ކަނޑުތައް ގަދަވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
މެޓް އޮފީހުން ބުނީ ޚާއްސަކޮށް އުތުރާއި މެދުތެރޭ އަތޮޅުތަކުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި މެދުތެރެއާއި އުތުރުގެ ބައެއްރަށް ތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވާ ކަމަށެވެ.