ހައި ކޯޓުގެ އަމުރަށް ގއ. ވިލިނގިލީ މަސް މާރުކޭޓުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި އަލުން ގުނައި ބާތިލް ކަމަށް ކުރިން ކަނޑައަޅާފައިވާ 49 ވޯޓެއް ސައްހަ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ކަނޑައަޅައިފި އެވެ.

ކޯޓު އަމުރާ ގުޅިގެން އިއްޔެ ގުނި، ވިލިނގިލީގައި ބަހައްޓާފައި ހުރި ތިން ނަންބަރު ވޯޓު ފޮށީގެ 252 ވޯޓެއް ބާތިލް ކަމަށް މީގެ ކުރިން އިލެކްޝަންސް އިން ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު ބައެއް ކެންޑިޑޭޓުންނާއި އެމީހުންގެ ފަރާތުން ހާޒިރުވި ބައެއް މީހުންނާއި މީޑިޔާގެ ހާޒިރުގައި އެ ފޮށީގެ ސެކިއުރިޓީ އުރަ ކަނޑައި ގުނި އިރު ކުރިން އޮތީ ބާތިލް 203 ވޯޓެވެ. އެހެންކަމުން ކުރިން ބާތިލް ކަމަށް ކަނޑައަޅާފައިވާ 49 ވޯޓެއް ސައްހަ ކަމަށް ނިމުނީ އެވެ.

އެ ވޯޓު ފޮށި އަލުން ގުނަން ހައި ކޯޓުން އަމުރުކޮށްފައި ވަނީ ވިލިނގިލީ ކައުންސިލަށް ކުރިމަތިލި އެރަށު އަންބަރީގޭ އަންވަރު މޫސާ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ޖުމްލަ 24 މީހުން ކުރިމަތިލި ހަތް މީހުން ހޮވަން ޖެހޭ އެ ކައުންސިލްގެ އަށް ވަނަ އަންވަރު މޫސާ ގޮސްފައި ވަނީ އެންމެ ދެ ވޯޓު މަދުވެގެންނެވެ. އެކަމަކު އިއްޔެ އިލެކްޝަންސް އިން ގުނުމުން ވެސް އޭނާ އަށް ލިބުނު ވޯޓުގެ އަދަދަށް ބަދަލެއް އައިސްފައެއް ނުވެ އެވެ.

ވިލިނގިލީ ވޯޓު ފޮށީގެ އިތުރުން ކ. ހިންމަފުށީ، އައްސޭރި ޖަލުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ވެސް ހައި ކޯޓުގެ އަމުރަށް އިލެކްޝަންސް އިން ވަނީ އަލުން ގުނައިފަ އެވެ.